އަލިފާން ފަރުބަދައެއް ގޮވައި، އިންޑޮނޭޝިއާ އެލާޓަށް

އިންޑޮނޭޝިއާގައި ހުންނަ މައުންޓް ލެވޮޓޯބީ ލަކި ލަކީ އަލިފާން ފަރުބަދަ، ގޮވުމުން، އެންމެ މަތީ ދަރަޖައަށް އެލާޓް ނެރެފިއެވެ. އެ ފަރުބަދަ ގޮވާފައި ވަނީ އިންޑޮނޭޝިއާ ގަޑިން އިއްޔެ 5:30 ހާއިރުއެވެ. ގޮވުމުގެ ސަބަބުން 11 ކިލޯމީޓަރަށް ދުންގަނޑު އަރާފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއްނުވެއެވެ. ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނި ގޮތުގައި ހާދިސާގެ ސަބަބުން އެއް އަވަށުން މީހުން ހުސްކޮށްފައިވާ ކަމަށާއި، އެ ސަރަހައްދާ ކައިރި ތަންތަނަށް އަޅީގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދިވެސް އިތުރު ގޮވުންތައް ގޮވުން އެކަށީގެންވާތީ، އެ ސަރަހައްދުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ. ފަރުބަދަ ގޮވުމުގެ ސަބަބުން މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމަަކަށް ރިޕޯޓެއް ނުކުރޭ. ފޮޓޯ/އީޕީއޭ އެ ހާދިސާއާ ގުޅިގެން ޖިއޮލޮޖީ އެޖެންސީގެ ވެރިޔާ މުހައްމަދު ވަފީދު ވަނީ ގޮވާފައިވާ ސަރަހައްދާ ހަތް ކިލޯމީޓަރު ކައިރިން އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަލިފާނުގެ އަޅިން ރައްކާތެރިވުމަށް މާސްކް އެޅުމަށް ވެސް ރައްޔިތުން ވަނީ އިލްތިމާސް ކުރައްވާފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އެ ފަރުބަދަ ވަނީ އެތައް ފަހަރަކު ގޮވާފައެވެ. އޭގެ ސަބަބުން ނުވަ މީހަކު މަރުވެ އެތައް ބަޔަކު އެ ސަރަހައްދު ދޫކޮށް ދާން ޖެހުނެވެ. ގޮވުމުން އުފެދުނު ވިލާގަނޑުގެ ސަބަބުން ފްލައިޓްތައް ވެސް ކެންސަލް ކުރަން މަޖުބޫރުވިއެވެ. ލެވޮޓޮބީ ލަކީ-ލަކީ އެންމެ ފަހުން ގޮވީ މެއި މަހުއެވެ. އެ ފަހަރުވެސް ވަނީ އެންމެ މަތީ ދަރަޖައަށް އެލާޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ