ކައުންސިލަރުންނަށް ޚާއްސަ ޚަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
ކައުންސިލަރުންނަށް އަމާޒުކޮށްގެން ބާއްވާ ޚަތީބުކަމުގެ ކޯހުގެ 50 ފުރުސަތަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ، އެ ކޯސް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ. ހަފުތާ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 20:30 އިން 22:30 ގެ ނިޔަލަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ކޯސް 15 ހަފުތާއަށް ކުރިއަށްދާނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ. މި ކޯހަށް ހޮވުމުގައި ބަލާނީ ކީރިތި ޤުރުއާން ފަރިތަކަމާ އެކު ކިޔަވަން އެނގުމާއި، ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަ ކަމަށެވެ. ކޯހުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހިމެނެއެވެ. ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. ޒުވާން ޚަތީބުންގެ ދެ ބެޗެއްގެ ތެރެއިން، 300އަށްވުރެ ގިނަ ޚަތީބުންވަނީ މިހާރު އުފެދިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން އުފެއްދުން ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ