ތިމާގެ މަތިވެރިކަމަށް އަދި ތިމާގެ ކަންކަމަށް ތާއީދުކުރާ މީހުން ގިނަވެ މިލިއަނުން ގުނައިލެވޭ ޢަދަދަށް މީހުން ތިބި ނަމަވެސް އެމީހުންނަކީ ހަމަ އެފަދަ މަޤާމެއް ޙައްޤު ބައެއް ހެއްޔެވެ؟ އެމީހުން ތިބީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންހެއްޔެވެ؟ ސުވަރުގެ ލިބުން ޙައްޤު މީހެއްގެ ގޮތުގައި ހެއްޔެވެ؟ އެހެން ނޫންނަމަ އޭނާއަށް އޮތީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟
ދުނިޔޭގެ ވަރަށް މަޝްހޫރު މީހުންތައް ބައިވަރެވެ. އެމީހެއްގެ "ފޭނުން"ތައް ގިނަވެ މިލިއަން މިލިއަނުން ގުނައިލެވޭ އެތައް ހާސް ބައަކު އެބަތިއްބެވެ. އެމީހުންނަށް ލިބިފައިވާ ތަނަވަސްކަންވެސް ހަމަ އެހައިމެ ބޮޑެވެ. ސުވާލަކީ އެއީ އެއްވެސް ބައެއްކަން މަލާއިކަތުން ދެނެވަޑައިގަންނަވާ ހެއްޔެވެ؟
ހަމަ އެއާއިއެކު ދުނިޔޭގެ އެއްވެސް މީހަކު ނުވެސް ދަންނަ އެތައް ހާސް ބައަކު މަލާއިކަތްބޭކަލުން ވަރަށް ގާތުން ދެނެވަޑައިގަންނަވައެވެ. އެމީހުންނަށްޓަކައި މަލާއިކަތްބޭކަލުން ހެޔޮ ދުޢާ ކުރައްވަވަތެވެ. އަދި އެމީހުން ނަރަކައިން ސަލާމަތް ކޮށްދެއްވެވުމަށާއި އެމީހުންނަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ތަކުރާރުކޮށް ދަންނަވަމުން ގެންދަވަތެވެ.
މީސްތަކުންނޭވެ! މަސައްކަތް ކުރަންވީ ތިމާއަކީ މިދުނިޔޭގައި މަޝްހޫރު މީހަކަށް ވުމަކަށް ނޫނެވެ. އަދި ތިމާގެ އަނބިދަރިންނަކީވެސް މިދުނިޔޭގައި މަޝްހޫރު ބައަކަށް ހެދުމަކަށް ނޫނެވެ. މަސައްކަތް ކުރަންވީ ތިމާ އާއި ތިމާގެ އަނބިދަރިންނަކީ އުޑުތަކުގައި މަޝްހޫރު ބައަކަށް ހެދުމަށެވެ. މަލާއިކަތްބޭކަލުންގެ ހެޔޮ ދުޢާ ލިބޭ ބައަކަށް ހެދުމަށެވެ.
ދުނިޔޭގައި ކިތަންމެ ބޮޑު މުއްސަނދި ކަމަކާއި މަޝްހޫރުކަމެއް ލިބުނު ނަމަވެސް އާޚިރަތް ދުވަހު ނަރަކައަށް ދާންޖެހޭ މީހެއް ކަމުގައި ވެވިއްޖެ ނަމަ ދުނިޔޭގައި ލިބުނު މަޝްހޫރުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
ތިމާއަށް ފަޚުރުވެރިވެވޭނީ ކޮންގޮތަކުންކަން ގިނަބައަކަށް އޮޅިފައިވާއިރު ތިމާއަށް ލިބިފައިވާ ދަރިންނާއިމެދު ފަޚުރުވެރިވާންވީ ކޮން ގޮތަކުން، ކޮންކަންކަމަކަށްވެސް ގިނަބައަކަށް މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ.
އެކަމުގެ ކުޑަކުޑަ މިޘާލެއް ފެނިގެންދާ ވާހަކައެއް ކިޔައިދޭނަމެވެ.
"އަހަރެންގެ ދަރިފުޅަކީ މިހާރު ވަރަށް މަޝްހޫރު މީހެކެވެ. ވަރަށް މުއްސަނދި މީހެކެވެ. އަތުގައި 2،3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވެސް އެބަހުއްޓެވެ. އޭނާ ލަވަކިޔާލެއް ރީތިކަމުން މިހާރުވެސް އެތައް ސަތޭކަ މިލިއަން ބައަކު އޭނާގެ ފޭނުންގެ ގޮތުގައި އެބަ ތިއްބެވެ." ބައްޕައަކު ފަޚުރުވެރިވެލާފައި ބުނެލިއެވެ.
ޖަވާބުގައި އެހެން ބައްޕައަކުބުނީ "އަހަރެންގެ ދަރިފުޅަކީ އެހައި މަޝްހޫރު މީހެއް ނޫނެވެ. ފޭނުން ތިބޭ ވަރެއް ނުއެނގެއެވެ. އޭނާއަކީ ލަވަކިޔަން ދަންނަ ކުއްޖެއް ނޫނެވެ. އޭނާއަށް އެނގެނީ ދަރުސް ދޭށެވެ. އޭނާ ދިން ދަރުސްތައް އަޑުއަހާފައި މިހާރުވެސް ވަރަށް ގިނަ މީހުން އިސްލާމް ވެއްޖެއެވެ. އިސްލާމް ދީނާއިމެދު ޝައްކުތައް އުފެދިފައި ތިބި އެތައް ހާސްބައަކަށް ޙައްޤު މަގު އޮޅުން ފިލައިފި" ކަމަށެވެ!
އަދިވެސް އެބައްޕަ ބުންޏެވެ. "އަހަރެން އުންމީދުކުރަނީ އަހަރެންގެ ދަރިފުޅަށްޓަކައި ވަރަށް ގިނަ މަލާއިކަތް ބޭކަލުން ހެޔޮ ދުޢާ ކުރައްވަވާނެ ކަމަށެވެ. އެއީ ކިތައް ބޭކަލުން ކަމެއް ނުއެނގެއެވެ."
ޙަޤީޤީ ފަޚުރުވެރިއަކީ ކޮން ބައްޕައެއްހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން
ދަރިންނާމެދު ފަޚުރުވެރިވާންވީ ކޮންކަމަކަށްތަ؟: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ