ދިވެހިބަހުގެ ލިޔެކިޔުންތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އޮޕްޓިކަލް ކެރެކްޓަރ ރެކޮގްނިޝަން (އޯސީއާރު) ސިސްޓަމެއް ދިވެހިޖީޕީޓީއިން ތަޢާރަފުކޮށްފިއެވެ. މި އައު ޓެކްނޮލޮޖީއަކީ ދިވެހިބަހުގެ ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރުމަށް އެހީތެރިވެދޭނެ ވަރަށް މުހިންމު ވަސީލަތެކެވެ.
ދިވެހިޖީޕީޓީގެ ސީއީއޯ މުޙައްމަދު ޖައިލަމް ވިދާޅުވި ގޮތުގައި، މި އައު އޯސީއާރު ސިސްޓަމަކީ ޕީޑީއެފް ފައިލްތަކާއި އިމޭޖުތަކުން ދިވެހި ލިޔުންތައް ޑިޖިޓަލައިޒް ކުރުމަށްޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.
"މި ސިސްޓަމުގެ ސަބަބުން އަތުން ލިޔެފައިވާ ލިޔުންތަކާއި، އިހުޒަމާނުގެ ދިވެހި ލިޔުންތަކާއި، ޕްރިންޓްކޮށްސްކޭންކޮށްފައިވާ ލިޔުންތައްވެސް ވަރަށް ފަސޭހައިން އަދި އެކިއުރެސީ މަތިކޮށް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
Advertisement
މިއަދު ތަޢާރަފްކުރެވުނު މި ސިސްޓަމްގެ ފީޗާރސްތަކުގެ ތެރޭގައި ފޮޓޯއާއި ޕީޑީއެފް ފައިލްތައް ލިޔުމަށް ބަދަލުކުރުމުގެ އިތުރުން، "މެޖިކް އެޑިޓް" މެދުވެރިކޮށް ފަސޭހަކަމާއެކު ލިޔުން އިސްލާހު ކުރެވެއެވެ. އަދި ލިޔުމުން ބޭނުން ބަހެއް ހޯދާ ސާރޗްކޮށް ހެދެއެވެ.
މީގެ އިތުރުން ލިޔުން އަޑަށް ބަދަލުކުރުމާއި، ލިޔުން ބޭނުންކޮށްގެން ސުވާލުކޮށް މައުލޫމާތު ހޯދާ، ސިޓީ، މަޒުމޫނު ޚަބަރު ފަދަ ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް އުފެއްދުމާއި، ލިޔުން ތަރުޖަމާކޮށް ޚުލާސާކުރެވެންވެސް ހުރެއެވެ.
"މިއީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ދިވެހިބަހަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ އަމިއްލަ އޭއައި މޮޑެލްއެއް. ވީހާވެސް ފަސޭހަކަމާއެކު ލިޔުމަށް ބަދަލުކޮށް، އިސްލާހުކޮށް އެލިޔުމުން ބޭނުންވާ މަޢުލޫމާތު ނެގޭނެ ގޮތަށް – ވީހާވެސް ޕްރެކްޓިކަލް ބޭނުންތަކަށް އެކަށޭނެ ގޮތަށް މި ސިސްޓަމް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރިން" ކަމަށް ޖައިލަމް މަޢުލޫމާތު ދިނެވެ.
މިއީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ލިޔުން އާކައިވްކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. ނެޝެނަލް އާކައިވް ސިސްޓަމެއް ޤާއިމްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިޒްގެ ވައުދުތަކުގެ ތެރޭގައި ހިމެނިފައިވާ ވައުދެކެވެ.
މިއޯސީރާއު ސިސްޓަމް dhivehigpt.comއަށް ލޮގިންކޮށްލުމަށްފަހު ބޭނުންކޮށްލޭވެކަމަށް ޖަވާބު ކުންފުނިން މައުލޫމާތު ދެއެވެ.
ދިވެހިޖީޕީޓީއަކީ ދިވެހިބަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްއިން އުފައްދާފައިވާ ދިވެހި އުފެއްދުމެކެވެ. އޯސީއާރު ކުރުމުގެ އިތުރުން މިމަންސައިން ދިވެހިބަހުން ދައްކާ ވާހަކަވެސް ލިޔުމަށް ބަދަލުކޮށްދެއެވެ.
އަދި ދިވެހިން ލިޔެފައި ހުންނަ ލިޔުމުން ނެރޭޝަން އުފައްދާ، ދިވެހިބަހުން ލިޔުންތަކުން ކުށްފިލުވާ، ތަރުޖަމާކޮށް ޚުލާސާވެސް ކޮށްދެއެވެ.
ދިވެހިޖީޕީޓީއިން ދިވެހިބަހަށް ޚާއްޞަ އޯސީއާރު ތަޢާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ