ރޯދަމަހު އުމްރާއަށްދާ މީހުން މި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހަން އެދިއްޖެ

ކުރިއަށް އޮތް ރޯދަމަހު އުމްރާއަށްދާ މީހުން މިމަސް ނިމުމުގެ ކުރިން ވެކްސިން ޖަހަން ދަމަނަވެށިން މިއަދު އެދިއްޖެއެވެ. ދަމަނަވެށިން ނެރުނު ބަޔާނެއްގައި ވަނީ، ރޯދަމަހު އުމްރާއަށްދާ މީހުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އުމްރާ ވެކްސިން ޖަހައި ނިންމަން ސަމާލުކަން ދިނުމަށް އެދިފައެވެ. ނަމަވެސް، އެއްވެސް ސަބަބެއް ދިމާވެގެން ރޯދަ މަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ މީހުންނަށް ރޯދަމަހުގެ ރޭތަކުގެ ތެރެއިން، ޚިދުމަތް ދޭން ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖަހައިދޭނެ ކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ. އުމްރާ ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނެނީ، އައިޑީކާޑާއި ޕާސްޕޯޓު (އަސްލު ނުވަތަ ފޮޓޯ ކޮޕީ ނުވަތަ ޑިޖިޓަލް ކޮޕީ)އާއި ފާއިތުވި ފަސް އަހަރުތެރޭ ހައްޖު/އުމްރާ އަށްދާން ވެކްސިން ޖެހިނަމަ ދީފައިވާ ވެކްސިން ކާޑު ނުވަތަ ލިޔުމުގެ އިތުރަށް ކުޑައިރު ވެކްސިން ޖަހާފައިވާ ކާޑު އޮތް ނަމަ އެ ކާޑެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ގިނަ އަދަދެއް މީހުން އުމްރާގެ އަޅުކަމަށް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ