އަމާޒަކީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ވަޒީފާގެ ބާޒާރުގައި އެންމެން ޝާމިލްކުރުން: ހައިދަރު
ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ ހަމަހަމަކަމާއެކު، އެންމެންގެ ބައިވެރިވުން އޮންނަ ވަޒީފާގެ ބާޒާރެއް ގާއިމް ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، 113ވަނަ ބައިނަލްއަގުވާމީ ލޭބާ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ކުރެއްވި ތަގުރީރުގައެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ވަޒީފާތައް އުފެދިގެން އައުމަކީ އިގުތިސާދާ ވަކި ނުކުރެވޭނެ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި ތަގުރީރުގައި ހައިދަރު ވަނީ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އަބުރުވެރި އަދި ހަމަހަމަ ފުރުސަތު ލިބޭ މަސައްކަތު މާހައުލެއް ގާއިމް ކުރުމަށް ގޮވައިލައްވައިފައެވެ. މިނިސްޓަރު ދެއްވި ތަގުރީރުގައި ވަނީ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)އިން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، އެ ކަމަށް ޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެންމެން ގުޅިގެން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެ މީހުންނަށް ހަމަހަމަ ފުރުސަތު ލިބޭ، އަބުރުވެރި މަސައްކަތު މާހައުލެއް ގާއިމްކޮށްދިނުމަށް އޭނާ ގޮވައިލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އައިއެލްއޯގެ ގްލޯބަލް ކޮލިފިކޭޝަން ފޯ ސޯޝަލް ޖަސްޓިސްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ވަޒީފާދޭ ފަރާތްތަކާ ގުޅިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުންދޭ ސްކޮލަޝިޕުތަކާއި ޓެކްނިކަލް ޓްރެއިނިންތައް ހަދާ ފަރާތްތަކުން ރާއްޖެ އައިސް ޚިދުމަތް ކުރަންޖެހޭ ގޮތަށް އެއްބަސްވުމެއް ހެދުމަކީ ދެމެހެއްޓެނިވި ފައިދާ ގައުމަށް ލިބޭނެ ގޮތް ކަމަށް ހައިދަރު ވިދާޅުވިއެވެ. މިހާރު ވެސް، އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރެވޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ މުހިންމު ފިޔަވަޅެއް ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން މަސައްކަތް ކުރާކަމަށް ހައިދަރު ވިދާޅުވެފައި ވާއިރު، މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ