މިދިޔަ ހޯމަ ދުވަހު އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމައިފި އެވެ.
ވީކިހިނެއް؟ - ފަރީދު އަވަހާރަވީ ދީނީ ދައުވަތެއްގައި އެ ދުވަހު ހަވީރު މެލޭޝިއާއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ.
ފަރީދު އަވަހާރަވުމާ އެކު އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ ހިދުމަތް ޖަމިއްޔާއިން ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް ހުޅުވަން ނިންމި އެވެ. އަދި އެ މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާ ވަނީ އެއްކޮށްފަ އެވެ.
ތަފްސީލް - ހިދުމަތް ޖަމިއްޔާއިން ބުނީ ބަންގްލަދޭޝްގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަވި ފަހުން ވެސް ގިނަ އަދަދެއްގެ މީހުންގެ ފަރާތުން ފައިސާގެ އެހީ ލިބެމުންދާތީވެ ރާއްޖޭގައި ވެސް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު އަދިވެސް މި ކަމުގައި ބައިވެރިވުމަށް އެދެމުންދާތީއާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިހްގެ މިސްކިތެއް ދިވެހިރާއްޖޭގައި ވެސް ބިނާކުރުމަށް އިންޝާﷲ މިހާރު ވަނީ ނިންމާފައި، މި ކަމަށް ޓަކައި ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން،" ހިދުމަތް ޖަމިއްޔާއިން ފޭސްބުކްގައި ލިޔެފައިވެ އެވެ.
މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުން 7770000141496 އެކައުންޓް ނަންބަރަށް ފައިސާ ފޮނުވަން ދިއުމަށް އެ ޖަމިއްޔާއިން އެދެ އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ދީނީ ދައުވަތު ދެއްވުމާއި އިސްލާމީ މައުލޫމާތު ފެތުރުއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރީދު މިއަދު މެންދުރު ނަމާދަށް ފަހު، މެލޭޝިއާގައި ވަނީ ވަޅުލައްވާފަ އެވެ. އަދި އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ފަރީދުގެ މައްޗަށް ގައިބަށް ކަށުނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.
ޝެއިހް ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ