މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެޗްއާރްސީއެމްއިން ކުށްވެރިކޮށްފި
އިދިކޮޅު އެމްޑީޕީން މިހާރު ހިންގަމުންދާ އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ރޭ ކަޅުތެޔޮ ޖެހި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ކުށްވެރިކޮށްފިއެވެ. އެޗްޢާރުސީއެމްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން، ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށްފަހު ދަންވަރުގެ ވަގުތެއްގައި ގެއަށް ދިޔަ މަގުމަތީގައި އެ ޕާޓީގެ ދެ މެމްބަރެއްގެ ގަޔަށް، ކާކުކަން ނޭނގޭގޮތަށް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަޅުތެޔޮ ޖަހާފައިވާތީ އެކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން، މައްސަލަތައް ބެލުމުގެ އިހުތިސާސް އޮންނަ ތަހުގީގީ އިދާރާތަކާއި މުއައްސަސާތަކުން އެފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށާއި، މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އެ ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއްބަޔަކު އަނެއްބައެއްގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް އެންމެންނަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް އަމަލެއް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، ރޭ އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. https://sun.mv/203776 އެ ހާދިސާ ހިނގައިފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭނާވަނީ، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މަންދީއާއީ އެމްޑީޕީއާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް ކޯޓަށް މަދަނީ މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފައެވެ. https://sun.mv/203779 އެ ކަމަނާ ވަނީ، މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ހަރުކަށު އިބާރާތުން ކުށްވެރިކުރައްވައި، އެއްވެސް މީހަކަށް އެފަދައިން ހަމަލާދީ، އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ