ލިވަޕޫލް (މެއި 19) - ލިވަޕޫލްގައި މި ވަގުތު އޮތް ސްކޮޑު ވެސް ހަރަދުކޮށްގެން ވަރުގަދަ ކުރަންޖެހޭކަން ސާފުވެގެންދިޔައީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.
ނުވަ އަހަރަށް ފަހު، ޔާގަން ކްލޮޕް ލިވަޕޫލް ކޯޗުކަމުން ވަކިވުމުން އެ ޓީމާ ހަވާލުވެ، ސްލޮޓް މި ވަނީ ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސްލޮޓް، މި ސީޒަން ފެށުމުގެ ކުރިން ގަނެފައިވަނީ، ޔުވެންޓަސް އަށް 15 މިލިއަން ޑޮލަރު ދޭ ގޮތަށް، ފެޑެރީކޯ ކިއޭސާ އެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ލިވަޕޫލުން ވަނީ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ކަނާތުބެކް، ޖެރެމީ ފްރިމްޕޮންގެ ސޮއި ހޯދައިފަ އެވެ. އަދި، ބޯންމައުތަށް ކުޅެމުން އަންނަ ވާތު ބެކް، މިލޯސް ކާކޭޒް ގަންނަން ލިވަޕޫލުން މަޝްވަރާ ފަށާފައިވާއިރު، ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އަށް ވެސް ލިވަޕޫލުން ފާރަލަ އެވެ.
ލިވަޕޫލުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާ ގޮތާ ބެހޭގޮތުން އަމާޒުވި ސުވާލަށް ޖަވާބުދެމުން، ސްލޮޓް ބުނީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕީއެސްޖީއާ ވާދަކޮށް ލިވަޕޫލް ކަޓައިގެންދިއުމުން ޓީމު ވަރުގަަދަ ކުރުމަށްޓަކައި ހަރަދުކުރަން ޖެހޭ ކަން އެނގިގެންދިޔަ ކަމަށެވެ.
"އަހަރެމެން ޕީއެސްޖީއާ ކުޅެން ޖެހުނީ ވަރަށް ނުރަނގަޅު ވަގުތެއްގައި، އަހަރެމެންގެ ހޯމް މެޗުގައި ވަރަށް ރަނގަޅަށް ކުޅެފައި، އިތުރު ވަގުތުގައި ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް ނޫން. ތެދެއް، ބަހުސް ކުރެވޭނެ ކަމެއް. އަހަރެން ކީއްވެތޯ. އޮކްޓޫބަރުން މާޗް މަހާ ދެމެދު ޓީމު ރޮޓޭޓް ނުކުރީ، އެކަމަކު، ޓީމަށް ދިމާވި ކަންކަން އަހަންނަށް އެނގޭ،" ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަންއާ ކުޅުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓް ބުންޏެވެ.
"ޕީއެސްޖީ މެޗުގައި ފެނިގެންދިޔަ ކަންކަމަށް ބަލާއިރު، އަހަރެމެން ޓީމަށް އިތުރު އެކެއް ނޫނީ ދޭއް ވަރަކަށް ހަތިޔާރު އެބަ ބޭނުންވޭ. އެއީ މި ޓީމު ވަރުގަދަ ކުރަން ކުރަންޖެހޭ ކަމެއް،"
ސްލޮޓް ބުނީ، އެންމެ މަތީ ލެވަލްގައި ޓީމެއް ހިފަހައްޓާލެވޭނީ ޓީމު ވަރުގަދަ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކޮށްގެން ކަމަށެވެ. އެ ގޮތުން، ބަލާއިރު މެންޗެސްޓާ ސިޓީން ސީޒަން ސަލާމަތްކުރުމަށްޓަކައި، ޖެނުއަރީ މަހުގައި 200 މިލިއަން ޑޮލަރު ހަރަދުކުރިކަން ސްލޮޓް ވަނީ ފާހަގަކޮށްފަ އެވެ.
ލިވަޕޫލް ވެސް ހަރަދުކުރަން ޖެހޭކަން ސާފުވީ ޕީއެސްޖީ މެޗުން: ސްލޮޓް ލިވަޕޫލް ވެސް ހަރަދުކުރަން ޖެހޭކަން ސާފުވީ ޕީއެސްޖީ މެޗުން: ސްލޮޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ