ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ދާދިފަހުން ވަކިކުރި މުހައްމަދު ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މިއަދެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.
ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.
ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ