އެންޓާކްޓިކާގެ 'އަގުބޮޑު' ކްރޫޒު ދަތުރާ ގުޅިގެން އީރާންގެ ނައިބު ރައީސް ވަކިކޮށްފި

ފާރިސީ އާ އަހަރު، ނައުރޫޒު ފާހަގަ ކުރުމަށް އީރާނުގެ ނައިބު ރައީސް އަނބިކަނބަލުންނާ އެކު އެންޓާޓިކާއަށް "އަގު ބޮޑު" ދަތުރެއް ކުރެއްވި ކަމަށް ބުނެ އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އޭނާ މަގާމުން ވަކިކޮށްފި އެވެ. 
އީރާންގެ ރައީސް އޮފީހުން ބުނީ ޝަހްރާމް ދަބީރީގެ މި ދަތުރަކީ އީރާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ބަލާއިރު ބޭއިންސާފު އަދި ބަލައިގަނެވޭނެ ދަތުރެއް ނޫން ކަމަށެވެ.
އެންޓާޓިކާއަށް ކުރެއްވި ދަތުރުގައި، 'އެމްވީ ޕްލޭންސިއަސް' ކްރޫޒްލައިނާގެ ކުރިމަތީގައި ދަބީރީ އާއި އޭނާގެ އަނބިކަނބަލުން ހުއްޓިވަޑައިގެން ތިއްބެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އީރާނުގައި ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ޕެޒެޝްކިއަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕާލަމެންޓްރީ އެފެއާޒްގެ ނައިބު ރައީސްގެ މަގާމުން ދަބަރީ ވަކިކުރެއްވީ އަމިއްލަ ޖީބުން ހަރަދު ކުރެއްވި ނަމަވެސް "ދިފާއު ނުކުރެވޭނެ" އަމަލުތަކެއް ހިންގާފައިވާތީ ކަމަށެވެ.
"އިގްތިސާދީ ގޮތުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ވެރިންގެ އަގުބޮޑު ދަތުރުތައް، ފަރުދީ ގޮތުން ހަރަދު ކުރި ނަމަވެސް، އެއީ ދިފާއުނުކުރެވޭ ވަރުގެ ދަތުރުތަކެއް ނޫން،" ޕެޒެޝްކިއަން ވިދާޅުވި އެވެ.
އީރާނުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، ހަމާސް އާއި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އީރާނުން ތާއީދު ކުރާތީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އީރާނުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ %8.4ގަ އެވެ. އަދި އަހަރީ އިންފްލޭޝަން ހުރީ %29.5ގަ އެވެ.
ޕެޒެޝްކިއަން ވިދާޅުވީ ދަބީރީގެ އަމަލުތަކަކީ ބާރުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަހައްޓަވަން ޖެހޭނެ އަދި އެންމެ އިސްކަންދޭޖެހޭނެ ސާދާކަމުގެ އުސޫލާ މުޅިން ހިލާފު އަމަލެއް ކަމަށެވެ.
އެންޓާޓިކާ ދަތުރު ފެށުމުގެ އަގަކީ 6،685 ޑޮލަރާ އެއްވަރުގެ އަގެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާންމު ގޮތެއްގައި ދުނިޔޭގެ އެންމެ ފިނި އަދި އެންމެ އާބާދީ މަދު ކޮންޓިނެންޓަށް ޒިޔާރަތްކުރަނީ ސައިންސްވެރިންނާއި މޫސުމީކޮށް އެ ތަން ބަލާލުމަށް ދާ ފަރާތްތަކުންނެވެ.
ނަމަވެސް ފަހަކަށް އައިސް ކްރޫޒްތަކުގައި ކުރާ ޓޫރިޒަމް ދަތުރުތަކުގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. ދަބީރީގެ ފޮޓޯއިން ފެންނަ ނެދަލޭންޑްސްގެ އުޅަނދަކީ 1976 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ދެމެދު ނެދަލޭންޑްސް ނޭވީން އަސްކަރީ އަދި މަދަނީ ދިރާސާތަކަށް ބޭނުންކުރި އުޅަނދެކެވެ.
ޑަބީރީ ހިޔާރުކުރީ ކޮން ޕެކޭޖެއް ކަމެއް ނުވަތަ އީރާނުން އެންޓާޓިކާއަށް ވަޑައިގަތީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.
އޮންލައިންކޮށް ލިބެން ހުރި ގިނަ ޕެކޭޖް ޑީލްތަކުގެ ތެރެއިން އެއް ޑީލްގައި އެކްސްޕްލޯ ކުރާ މީހުން ދާން ޖެހެނީ އުޝުއާޔާ އަށެވެ. އަދި އެނބުރި ފުރަން ޖެހެނީ ވެސް އެތަނުންނެވެ. އެއީ އާޖެންޓީނާގެ އެންމެ ދެކުނުގެ އެއް ޕޮއިންޓެވެ. އެ އަވަށަކީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްއާ ގާތްގަނޑަކަށް 3،079 ކިލޯމީޓަރު ނޫނީ 1،913 މޭލު ދުރުގައި އޮންނަ އަވަށެކެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެޒެޝްކިއާންގެ ގިނަ ސަޕޯޓަރުން ވަނީ ދަބީރީ މަގާމުން ދުރުކުރުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ