ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 50 މިލިއަން ރުފިޔާ ހިމަނަން ހުށައަޅައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރުމަށް ބަޖެޓަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބަޖެޓް ރިޕޯޓަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓް ކޮމިޓީއިން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފާސްކުރަން ފޮނުވާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް އިއްޔެއިން ފެށިގެން މަޖިލީހުގައި ކުރިއަށްދެ އެވެ. ހިސާން އެ އިސްލާހު ބަޖެޓް ރިޕޯޓަށް ހުށަހެޅުއްވިކަން ހާމަކުރެއްވީ ބަޖެޓް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ހިސާންއަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރާއިރު ދައުލަތުގެ އެއް ބާރު އެކަމުން މަހުރޫމްވިޔަ ދީގެން ނުވާނެ ކަމަށާއި އެކަމަށް މަޖިލީހުން ޖާގަ ދީގެން ނުވާނޭ ކަމަށެވެ. އޭނާ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށުން އެކި ކޯޓުތަކުގައި މަސައްކަތް ކުރާ 1،900 މުވައްޒަފަކު އެބަ ތިބި ކަމަށެވެ. އަދި އޭނާ ހުށަހަޅާ އިސްލާހުގެ ސަބަބުން އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - އެގޮތުން އޭނާ އިސްލާހު ހުށަހެޅުއްވީ: 
ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން - 49 މިލިއަން ރުފިޔާ
ޖޭއެސްސީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން - 980،000ރ. 
ޖުމްލަ 50 މިލިއަން ރުފިޔާ 
"ޖުޑީޝަރީގެ އެންމެ ބޮޑު އެއް ދައުރު އަދާކުރަނީ ޑީޖޭއޭގެ ދަށުން މަސައްކަތް ކުރާ ކޯޓުތަކުގެ މުވައްޒަފުން. އެހެންވީމާ އަޅުގަނޑު ހުރިހާ މެންބަރުންގެ ކިބައިން ވެސް އެދެން މި ބޭފުޅުންނަށް ތާއީދުކޮށްދެއްވުމަށް،" ޖޭއެސްސީގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންނަވާ މެންބަރު ހިސާން ވިދާޅުވި އެވެ. 
ގުޅުންހުރި - އޭނާ ވިދާޅުވީ ކޮމިޓީ އިން ބަޖެޓް ފާސްކުރި އިރު، މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ހިމެނި ބަޖެޓުގައި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ފައިސާ ހިމަނާފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ހުށަހަޅާ އާ އޮނިގަނޑު މިހާރު ޖޭއެސްސީގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 
މީގެ އިތުރަަށް އޭނާ ވަނީ ޝަރުއީ ދާއިރާއަށް ކޮންމެހެން މުހިންމުވެފައިވާ ކަންކަން ކުރުމަށް ބަޖެޓު ކޮމިޓީން ބަޖެޓަށް ފައިސާ އިތުރުކޮށްފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން ހިސާން ފާހަގަކުރެއްވި ކަންކަމަކީ: 
ބާވެފައިވާ ކްރިމިނަލް ކޯޓުގެ ހުޅުމާލޭގެ ބައި އާ އިމާރާތަކަށް ބަދަލުކުރަން 15 މިލިއަން ރުފިޔާ
ހައި ކޯޓުގެ މަސައްކަތްތައް އަވަސް ކުރަން އިތުރު މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ
މަދަނީ އިޖުރާއަތުގެ އާ ގާނޫނުގެ ދަށުން ހަދާ ސިވިލް ޕްރޮސީޖާ ކޯޑުގެ މަސައްކަތްތަކަށް ފައިސާ ހިމެނުން
ހިސާން ވިދާޅުވިގޮތުގައި އޭނާގެ އެދުމަކީ ބަޖެޓުގައި ހިމަނައި ފާސްކުރާ ކަންކަން ހުއްޓުމެއް ނެތި އެގޮތުގައި ކުރިއަށް ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ