ދާއިރާގެ މެމްބަރު ޝިފާއުގެ އަމަލުތަކާމެދު އިހަވަންދޫ ކައުންސިލުގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވޭ ގޮތަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހާ ގުޅިގެން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ބުނެ އިހަވަންދޫ ކައުންސިލުން ނުރުހުން ފާޅުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައި ކުރިން އޮތް ގޮތުން ނަމަ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. މި ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަންނަވަން މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވ.
މި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 10 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވިއެވެ.
މި މައްސަލައިގައި އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި އިހަވަންދޫ ކައުންސިލުގެ ފަސް ކައުންސިލަރުން އަދި ރައީސާއި ނައިބުރައީސް ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނަށް އިސްލާހުގެނެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އަޒުލުކުރުމަށް އެމްޑީޕީގެ މެޖޯރިޓީ މެމްބަރުން އިސްނަންގަވާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ދިމިގްރާތީ ނިޒާމާއި ދެކޮޅަށް ކުރައްވާ ވަރަށް ނާތަހުޒީބީ، ހުތުރު ކަމެއް ކަމަށެވެ.
މި ހާލަތުގައި މިފަދަ ކަންކަން ބަދަލު ކުރުމަށް ކުރައްވާ މަސައްކަތުގެ މައްޗަށް ނަޒަރުކޮށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ނިޔަތާއި، އިހްލާސްތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ސުވާލު އުފެދޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ، މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައްޔިތުން ނިންމި ނިންމުމާ ދެކޮޅަށް، ރައްޔިތުންނަށް ގޮންޖައްސަވައި މެމްބަރުން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، މި އަމަލު އިހަވަންދޫ ކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމްޑީޕީގެ މެޖޯރިޓިގައި ހިމެނޭ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު ކުރައްވަމުން ގެންދަވާ އަމަލުތައް، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މެމްބަރު ޝިފާއު ރައްޔިތުންގެ ވިންދާއި ޝުޢޫރާއި ދެކޮޅަށް އިސްވެ ނުކުންނަވައި ކުރައްވަމުން ގެންދަވާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ހަރުއަޑުން ގޮވައިލައި، އިލްތިމާސްކުރާކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ޝިފާއުގެ އަމަލުތައް އިހަވަންދޫ ކައުންސިލުން ކުށްވެރިކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.
ޝިފާއު މިފަދައިން ވިދާޅުވީ، މި އިސްލާހާ ގުޅޭގޮތުން މީގެކުރިން އާންމު ކޮމިޓީގެ ރިޕޯޓަށް މަޖިލިހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ގަވާއިދަށް މި ގެނައި ބަދަލާއެކު އެމްޑީޕީން ބޭނުންވެއްޖެ ނަމަ، ރައީސާއި ނައިބު ރައީސް އަޒުލު ކުރުމުގެ ބާރު އެ ޕާޓީގެ ޕީޖީއަށް އެބައޮތެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި 56 މެންބަރުން ތިއްބަވާއިރު، ރައީސް ވަކި ކުރަން ބޭނުން ވާނީ 54 ވޯޓެވެ.
އެމްޑީޕީން މިފަދައިން ކަންކޮށްފިނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނީ ރާއްޖޭގެ ތާރީޚުގައި ވެސް، މަގާމުން އަޒުލުކުރެވުނު ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ