މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެ: ރައީސް

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ކަމަށެވެ.
އަދި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުއާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫއުއެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ.
އަދި، ގާނޫނުލްއުގޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި، ”ހިންމި“ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފު ކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް ހިމެނޭކަން، ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އިޖްތިމާއީ ޒިންމާދާރުކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމުއިއްޔާތަކާއި، ޔޫއެންސީއޭސީގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސްގެ މެސެޖުގައި ޝުކުރު އަދާކުރެއްވިއެވެ.
ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، ގައުމަށް އަމާނާތްތެރިވުމާއި، އިހުލާސްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ގައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށްދެއްވަމުންނެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ