ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ޕާޓްނަރަކަށް ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ޕާޓްނަރަކަށް ހިއުންޑާއި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަަނަ މުބާރާތް އަންނަ މަހު ފަށަން ނިންމާފައިވާއިރު، މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެޗްޑީ ހިއުންޑާއި ވަނީ ހަމަޖައްސައިފި އެެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން (ޖީއެފްއޭ) އިން އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު، ޖެނުއަރީ ތިން ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މި ފަހަރުގެ މުބާރާތް، ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޓައިޓަލް ޕާޓްނަރު އެއްބަސްވުމުގައި، ހިއުންޑާއިގެ ފަރާތުން ސޮއިކޮށްފައިވަނީ، ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރު، ކުއިކް އީޒީ މޯލްޑިވްސްގެ ޑިރެކްޓަރު ޗީފް އިންޖިނިއަރު، ހުސެއިން ހަލީމް އެވެ. އަދި، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފަރާތުން ސޮއިކުރީ، އިވެންޓް މެނޭޖަރު، އަހުމަދު ނަސީމް އެވެ.
ހިއުންޑާއިގެ ފަރާތުން ބުނެފައިވަނީ، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓް ކަމަށް ވެފައި، އެންމެ ގިނަ ބަޔަކު ޝާމިލުވާ އަދި އެންމެ ގިނަ ބަޔަކު ބަލާ އިވެންޓް ކަމަށްވާތީވެ، ހިއުންޑާއި އިން މި މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް ނިންމީ ކަމަށެވެ. އަދި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިއުންޑާއި އިން މި ގޮތަށް އަދި މި އަށް ވުރެން ރަނގަޅަށް މުބާރާތުގެ ކަންކަން ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ހިއުންޑާއި އިން ވަނީ ބުނެފަ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، 119 ޓީމެއް/ރަށެއް ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި، 280 އަށް ވުރެން ގިނަ މެޗު ކުޅޭނެ އެވެ. މި ފަހަރުގެ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދެ ހަފްތާ ތެރޭގައި، ހުރިހާ އަތޮޅެއްގެ މެޗުތައް ފެށިގެންދާނެ އެވެ.
ޖީއެފްއޭގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ، މި އަހަރުގެ މުބާރާތް ފުރިހަމަ ކުރުމަށްޓަކައި، ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެންމެ ބޮޑު ބަދަލަކަށް ފެނިގެންދާނީ، ގަވާއިދުގެ ތެރެއިން، ވީޑިއޯ ސަޕޯޓްގެ ބޭނުން މެޗުތަކުގައި ކުރުން ކަމަށެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށްޓެވެ. ދެން މުބާރާތުގެ ތަށި ހޯދާފައިވަނީ، މާލޭގެ މާފަންނާއި ހެންވޭރު، ލ. ގަން، ބ. ހިތާދޫ، ބ. އޭދަފުށި އަދި ކ. ކާށިދޫ އެވެ.
މި އަަހަރުގެ މުބާރާތަށް ރަށްތައް ތަމްސީލްކުރާ ޓީމުތަކުން އަންނަނީ ފޯރީގައި ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ