ބައެއް ފަނޑިޔާރުން ފައިސާއަށް ޓަކައި، ކުށްވެރިން ގާތަށް ގޮސް ކުށުން ސަލާމަތްވެވޭނެ ގޮތް ކިޔައިދޭ: ޣަފޫރު

ބޭއިންސާފުން ބައެއް ފަނޑިޔާރުން ހުކުމްކުރައްވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ކުށްވެރިންގެ ގާތަށް ގޮސް ފައިސާ ހޯދުމަށްފަހު، ކުށް ސާބިތުނުވެ، ސަލާމަތްވާނެ ގޮތް ކިޔައިދޭ ކަމަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ ދިވެހިރާއްޖެ ހިނގަނީ ކުށްވެރިންގެ ދައުލަތަކާއި ރަނގަޅަށް މަސައްކަތްކުރާ ބައެއްގެ ދައުލަތެއްގެ މައްޗަށް ކަމަށެވެ. "ކުށްވެރިން ކައިރިއަށް ގޮސް ބައެއް ފަނޑިޔާރުން ފައިސާ ހޯދުމަށް އެ މައްސަލައިގައި ސަލާމަތްވާނެ ގޮތްތައް ކިޔައިދޭ މަންޒަރުވެސް އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނިފައިވޭ، އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ފަނޑިޔާރުންނަކީ ގޯސް ފަނޑިޔާރުންނެއް ނޫން، އެހެން ނަމަވެސް ހަމަ އެކަށީގެންވާ އަދަދަށް ގޯސް ހަދާ ފަނޑިޔާރުން އެބަ އުޅޭ އިއްޒަތްތެރި ރައީސް، އެކަންކަން ހައްލުނުވެ މި ދަނީ," އަބްދުލްޣަފޫރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަނޑިޔާރުންނަށްދޭ އިނާޔަތްތައް އިތުރުކޮށްދިން ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުލްޣަފޫރު ވިދާޅުވިގޮތުގައި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ސާބިތުނުވެ އެތައް ބަޔަކު ކޯޓުން ނުކުމެގެން ދާއިރު، ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ މުއްދަތު ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް ކަންކަން ހިނގާގޮތް އެނގިވަޑައިގަންނަވާ މެންބަރުން ތިއްބެވި ނަމަވެސް ކަން އޮތް ގޮތް ސާފުކޮށްނުދެއްވާތީ އެ ކަމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ. "ގާނޫނު މި ބޭފުޅުންނަށް ވެސް ގޯސްވަނީ، މި ހާލަތު ބުނެދީފާ މިތާ އޮތް ހާލަތެއް އެނގިގެން އަޅުގަނޑުމެންނަށް ކަންކަން ރަނގަޅުކުރެވޭނީ އިއްޒަތްތެރި ރައީސް، އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަން ގައުމުގައި ނެތިއްޔާ ކަންކަން ރަނގަޅުވަމުންދާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ އިއްޒަތްތެރި ރައީސް،" އަބްދުލްޣަފޫރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ގާނޫނު ކިތަންމެ މޮޅަށް ހެދިޔަސް އެ ގާނޫނުގެ ކަޅު ފަރާތް ނަގައިގެން ފަނޑިޔާރުން ހުކުމްކުރަން ވެއްޖިއްޔާ އަބަދުވެސް އޮންނާނެ އެ ފަރާތް ފެންނާން،" އެހެންވެ އަބްދުލްޣަފޫރު ފަނޑިޔާރުންނަށް ގޮވާލެއްވީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު އިންސާފުން ހުކުމްކުރުމަށް އަޒުމް ކަނޑައަޅައި މަސައްކަތްކުރެއްވުމަށެވެ. ނޫން ނަމަ މި ގައުމުގައި އެއްވެސް އަމާންކަމެއް ނޯންނާނެކަން އަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ. ތެދުވެރިކަމާއެކީ މަސައްކަތްކުރާ ރަނގަޅު ފަނޑިޔާރުން ތިއްބެވިކަން ފާހަގަކުރައްވައި، ސިޔާސީ މަގްސަދުގައި ހުކުމްކުރާ ފަނޑިޔާރުން ވެސް އެބަތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ