ޣައްޒާގެ ޝަހީދުކޮށްލި ކުއްޖެއްގެ ފަހުގެ އާދޭސް ދައްކުވައިދޭ ''ހިންދު ރަޖަބުގެ އަޑު'' ފިލްމުން ލޮލުންކަރުނަ، ގުގުމާލީ ''ފްރީ ފަލަސްތީން'' ގެ އަޑު

ޣައްޒާގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން އަނިޔާވެރިކަމާއެކު ޝަހީދުކޮށްލި 6 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބުގެ ފަހު ވަގުތުކޮޅުގެ ހިތާމަވެރި ވާހަކަ ކިޔައިދޭ، ''ދަ ވޮއިސް އޮފް ހިންދު ރަޖަބް'' (ހިންދު ރަޖަބުގެ އަޑު) ފިލްމަށް، ވެނިސް ފިލްމު ފެސްޓިވަލުގައި ވަރަށްބޮޑަށް ތަޢުރީފްކޮށްފައިވާއިރު، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ބެލުންތެރިންގެ ލޯތައް ވަނީ ކަރުނުން ފޯކޮށްލާފައެވެ.
82 ވަނަ އިންޓަނޭޝަނަލް ވެނިސް ފިލްމް ފެސްޓިވަލްގައި ބުދަ ދުވަހު ބޭއްވި، "ހިންދު ރަޖަބުގެ އަޑު" ފިލްމްގެ ޕްރިމިއާގައި ބެލުންތެރިން ވަނީ 23 މިނެޓަށްވުރެ ގިނައިރު ކޮޅަށްތިބެ މި ފިލްމަށް ތައުރީފް ކޮށް ''ފްރީ ފަލަސްތީން'' ގޮވަމުން އަޑު އުފުލާފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އެމީހުން ވަނީ ފަލަސްތީނުގެ ދިދަތައް އުފުލާލައި ކަރުނައާއި އެކު ފުން ޝުޢޫރުތައް ފާޅުކޮށްފައެވެ. އެއިރު އެތަނުން ގުގުމާފައި އޮތީ ''ފްރީ ފަލަސްތީން'' އަޑުންނެވެ. މިއީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްހުރި ކޮންމެ މީހެއްގެ ހިތް ރޮއްވާލާފަދަ ޖަޒުބާތީ ވަގުތުކޮޅެކެވެ.
މި އަސަރުގަދަ ޑޮކިއުމެންޓަރީ ފިލްމް އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރު.ސީ.އެސް) ގެ ރެކޯޑިންގތަކަކަށެވެ. އެއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 29 ވަނަ ދުވަހު، ފަލަސްތީނުގެ ޣައްޒާ ސިޓީގައި އިސްރާއީލްގެ ވަޒަންތަކުން ފުނޑުފުނޑުވެފައިވާ ކާރެއްގެ ތެރޭގައި ތާށިވެފައިވާ 6 އަހަރުގެ ކުޑަ ހިންދު ރަޖަބް ރޮމުން އެހީ އަށް އެދި އާދޭސްކުރަމުން ދިޔަ އަޑު އެކުލެވޭ ރެކޯޑިންތަކެކެވެ.
ހިންދު ރޮމުން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެހީއަށް އެދެމުން ދިޔައިރު، އިސްރާއީލުން ހިންދުގެ ޢާއިލާ ދަތުރުކުރަމުން ދިޔަ ކާރަށް އަމާޒުކޮށް ދިން ހަމަލާގައި އެކާރުގައި ތިބި ހިންދުގެ ބޮޑުދައިތައާއި، ބޮޑުބޭބެއާއި ތިން ކޮއްކޮ ވަނީ ޝަހީދޮށްލާފައެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހު އިސްރާއީލުން ހިންގި މި ލާއިންސާނީ ޢަމަލުގެ އަސްލު ރެކޯޑިންގތަކުގައި، ހިންދު ރޮމުން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެހީތެރިކަމަށް އެދި އޭނާ އަށް އެހީވުމަށް އައިސްދިނުމަށް އާދޭސް ކުރަމުންދާ އަޑު އިވެއެވެ.
"އަހަރެން ގާތަށް އާދޭ، އާދޭ، އަހަރެން ބިރުގަނޭ" މިފައިން އެކުއްޖާ ބުނަމުން އޭނާގެ ފަހު ވަގުތުގެ އާދޭހުގެ އަޑު އެ ރެކޯޑިންތަކުން އިވެއެވެ. އެވަގުތު ވެސް އޭނާގެ ފަހަތުން އިސްރާއީލްގެ ހަމަލާތަކުން ނުކުމެގެންދާ ވަޒަންތަކުގެ އަޑު މެދުނުކެނޑިއިވެމުންދެއެވެ.
ހިންދު ތާށިވެފައި އިން ކާރު ކައިރިއަށް އެމްބިއުލާންސެއް ފޮނުވުމުގެ ހުއްދަ އިސްރާއީލް ސިފައިން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ އަށް ދިނީ ތިން ގަޑިއިރުގެ އިންތިޒާރަކަށްފަހުއެވެ. ނަމަވެސް އެމްބިއުލާންސް އެތަނަށް ފޮނުވުމާއެކު ކުއްލިއަކަށް ހިންދާ ގުޅުން ކެނޑުނެވެ. އޭގެ 12 ދުވަސް ފަހުން، ޝަހީދު ވެފައިވާ ހިންދުގެ ހަށިގަނޑު އޭނާގެ ޢާއިލާގެ މެންބަރުންނާއެކު ފެނުނެވެ. އަދި އޭނާ ސަލާމަތްކުރަން މަސައްކަތްކުރަން ދިޔަ އެމްބިއުލާންސްގައި ތިބި ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ދެ މުވައްޒަފުންގެ ހަށިގަނޑުވެސް ފެނުނެވެ. އެ ދެ މުވައްޒަފުންގެ ހަށިގަނޑު ފެނުނީ ފުނޑުފުނޑުވެފައިވާ އެމްބިއުލާންސް ތެރެއިންނެވެ.
އެހެންކަމުން މިހާތަނަށް ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި އެ އެމްބިއުލެންސް ހިންދު ސަލާމަތްކުރަން އެތަނަށް ދިޔުމުން އިސްރާއީލު ރަހްމުކުޑަ ޖައްބާރު ސިފައިން ވަނީ އެ އެމްބިއުލެންސަން ވެސް ހަމަލާދީ، އޭގައި ތިބި މުވައްޒަފުން ވެސް ޝަހީދުކޮށްލާފައެވެ. އަދި ހިންދު ވެސް ޝަހީދުކޮށްލާފައެވެ.
ޓިއުނީޝިއާގެ ފިލްމް އުފެއްދުންތެރިއެއްކަމަށްވާ ކައުތަރް ބެން ހަނިޔާ އުފެއްދި މި ފިލްމާއި ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ ޣައްޒާގައި އިސްރާއީލުން ޝަހީދުކުރަމުންދާ މީހުންނާ ބެހޭގޮތުން މީޑިއާއިން ކިޔައިދެނީ "ހަނގުރާމައިގެ އަރައިރުންތަކުގެ" ވާހަކަ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް އިންސާނިއްޔަތުކަން ނެތްގޮތެއް، އެހެންކަމުން، ސިނަމާއާއި، ފަންނުވެރިކަމާއި، އަދި އެނޫންގޮތަކުން ވެސް ޣައްޒާގެ ހާލަތާއި އެތަނުގެ މީހުންގެ އަޑު ނޫނީ އެމީހުންނަށް ކުރިމަތިވެފައިވާ ކަންކަން ދައްކުވައި ދިނުމަކީ ވަރަށް މުހިންމު ކަމެއް" ބެން ހަނިއާ ބުނެފަވެއެވެ.
ހިންދުގެ މަންމަ، ވިސާމް ހަމާދާ، ''އޭއެފްޕީ ނިއުސް އޭޖެންސީ'' އަށް ބުނެފައި ވަނީ މި ފިލްމުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މުޅި ދުނިޔެ އަޅުގަނޑުމެން މަރުވާން، ބަނޑަށް ޖެހެން، ބިރުވެރިކަމުގައި ދިރިއުޅެން، އަދި މަޖުބޫރުން ގެދޮރު ދޫކޮށްދާން ދޫކޮށްލައިފި، އެއްވެސް ކަމެއް ކޮށެއްނުދިން،" ހިންދުގެ ހަގައްހުންނަ އުމުރުން 5 އަހަރުގެ ދަރިފުޅާއެކު އޭނާ ދިރިއުޅޭ ޣައްޒާ ސިޓީގައި ހުރެ ފޯނުން އޭއެފްޕީއަށް ދިން ބަސްދީގަތުމެއްގައި ހަމާދާ އަސަރާއެކު ބުނެފަވެއެވެ.
2024 ވަނަ އަހަރުގެ ޖޫން މަހުގައި، އަލް ޖަޒީރާގެ "ފޯލްޓް ލައިންސް" އިން ވަނީ ނޮން-ޕްރޮފިޓް ތަޙްޤީޤީ ޖަމާޢަތްތަކެއް ކަމަށްވާ ފޮރެންސިކް އާކިޓެކްޗަރ އަދި އިއަރޝޮޓާ ގުޅިގެން އިސްރާއީލުން ހިންދާއި ޢާއިލާ ޝަހީދުކޮށްލަންދިން ހަމަލާގެ ތަޙްޤީޤެއް ހިންގާފައެވެ. އަދި އެ ތަޙްޤީޤްގެ މައްޗަށް ބިނާކޮށް އެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ޓޭންކަރެއް ހިންދު ރަޖަބުގެ ކާރަށް ހަމަލާދިން އިރު އެ ޓޭންކަރު އޮތީ އެ ކާރާއި 42 - 75 ފޫޓު ދުރުގައެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޖުލައި މަހުގައި ނެރުނު އދ. ގެ ރިޕޯޓެއްގައި، ފޮރެންސިކް ތަޙްލީލުތަކަށް ބިނާކޮށް ފާހަގަކޮށްފައިވާ ގޮތުގައި ހިންދު ރަޖަބުގެ ކާރަށް ވަޒަން އަމާޒުކޮށްފައިވަނީ "ވަރަށް ކައިރި ދުރުމިނަކުން އަދި ހަމައެކަނި އިޒްރޭލުގެ ބާރުތަކަށް ނިސްބަތްކުރެވޭ ބާވަތެއްގެ ހަތިޔާރަކުން" ނެވެ.
އިޒްރޭލުގެ ސިފައިންގެ ފަރާތުން ކުރިން ވަނީ ހިންދު ރަޖަބު އިން ކާރަށް ވަޒަން ފޮނުވާލެވޭ ހިސާބުގައި އެމީހުންގެ ސިފައިން ނެތް ކަމަށްބުނެ ދޮގު ހަދާފައެވެ. ނަމަވެސް މި ހަފްތާގެ ކުރީކޮޅު، އަލުން މި ހަމަލާއާ ގުޅޭގޮތުން ސުވާލުކުރުމުން، ސިފައިންގެ ފަރާތުން ބުނެފައިވަނީ މި ހާދިސާ އަދިވެސް މުރާޖަޢާކުރަމުންދާ ކަމަށާއި، އިތުރު ކޮމެންޓެއް ނުކުރާނެ ކަމަށެވެ.
82 ވަނަ ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދައްކާލި ''ދަ ވޮއިސް އޮފް ހިންދް ރަޖަބް" އަކީ ޣައްޒާ ހަނގުރާމައިގެ ހިތްދަތި ހަޤީޤަތެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމް މުޅިންހެން ނަގާފައި ވަނީ ފަލަސްޠީން ރެޑް ކްރެސެންޓް ސޮސައިޓީގެ ޑިސްޕެޗް ސެންޓަރުގެ ތެރޭގައެވެ. މި ފިލްމުގައި ބޭނުންކޮށްފައިވަނީ ހިންދްގެ އަސްލު ފޯނު ކޯލުގެ އަޑެވެ. އަދި އެހީތެރިވި ފަރާތްތަކުގެ ދައުރު އަދާކުރަނީ ތަފާތު ތަމްސީލުކުރާ ފަރާތްތަކެވެ.
ހިތާމަވެރި "ދަ ވޮއިސް އޮފް ހިންދު ރަޖަބު" ގައި، ޣައްޒާގައި ޝަހީދުކޮށްލެވުނު 6 އަހަރުގެ ކުއްޖެއްގެ ވާހަކަ ހިމެނިފައިވާއިރު، މި ފިލްމަކީ ހަނގުރާމައިގެ ވޭނާއި އިންސާނީ އަގު ފާހަގަކޮށްދޭ މުހިންމު މަސައްކަތެކެވެ. މި ފިލްމުން ދައްކުވައިދެނީ ހަނގުރާމައިގެ ތެރޭގައި އާދައިގެ އިންސާނުންނަށް ލިބޭ ވޭނާއި ހިތާމަ، އަދި ގެއްލިގެންދާ އިންސާނީ ރޫހުގެ މުހިންމުކަމެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ