ދިވެހި ބަހުން ނެރޭ ފޮތްތައް ޗާޕު ކުރުމަށް ޚާއްސަ ގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސް މުޢިއްޒު

އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީން ދިވެހީންނަށްވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށެވެ. 
އަދި ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަކުރައްވާ، އެފަދަ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ. ވީމާ ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިއަށް އޮތް ތާނގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން."
ރައީސް މުޢިއްޒު
ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
މިއާއެކު ރައީސް ވިދާޅުވީ، އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށެވެ. 
"މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން. އެހެންވީމާ ގައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހޭ. އެ ބައެއްގެ ތަރިކަތަކަށް އިހްތިރާމުކުރެވެން ޖެހޭ. އެއާއެކު އެ ބައެއްގެ ފިކުރާއި ހިޔާލުތައް ފުންވެ އުފެއްދުންތެރި، އަހުލާގު ރަނގަޅު ހަރުދަނާ ބަޔަކަށްވާންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލް ވާނީ ހަމަޖެހުން. ތަރައްގީ. އަދި ރައްކާތެރިކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ހިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދީވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
"މިކަމަށްޓަކައި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒެއް އުފެއްދީ. މިކަމަށްޓަކައި ދިވެހި ގައުމިއްޔަތުގެ އިސްވަރު އުފެއްދީ. މިކަމަށްޓަކައި ދިވެހި ބަހުގެ އެކަޑެމީ ފަދަ، ދިވެހި ގައުމީ ދާރުލްއާސާރު ފަދަ ގުޅުން ހުރި މުއައްސަސާތަކުގެ ހިދުމަތް ދިނުމުގައި، ވުޒާރާއާ އެކީ، އެއްކުޑައެއްގެ ދަށަށް ގެނެވުނީ. އެއީ ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ