އޮޅުހިޔާގައި ފެތުރުނީ ވައިރަލް އިންފެކްޝަނެއް، ޖުމްލަ 26 ބުޅާ މަރުވި: މިނިސްޓްރީ

އޮޅުހިޔާ އެނިމަލް ކެއާ ފެސިލިޓީގައި ފެތުރުނު ބަލިމަޑުކަމެއްގެ ސަބަބުން ޖުމްލަ 26 ބުޅާ މަރުވިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އޮޅުހިޔާ ފެސިލިޓީގައި 20 ދުވަސްތެރޭ 51 ބުޅާ މަރުވެފައިވާ ކަމަށް ބުނެ، އެ ފެސިލިޓީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހަތަރު ޖަމިއްޔާއަކުން ފާޅުކުރީ މި މަހުގެ ކުރީ ކޮޅެވެ. އެ ޖަމިއްޔާތަކުން ހެދި އިންސްޕެކްޝަނަށްފަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން އޮޅުހިޔާގެ ހިންގުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ)އާ ހަވާލުކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން "ސަން" އިން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ބަހެއް ހޯދުމަަށް މި މަހުގެ ނުވަވަނަ ދުވަހު އެދުމުން އޭގެ ދެ ހަފްތާ ފަހުން ދިން ޖަވާބުގައި މިއަދު ބުނީ، ބުޅާތަކުގެ މެދުގައި ބަލިމަޑުކަމެއް ފެތުރި، އެކަމުގެ ސަބަބުން ބައެއް ބުޅާ މަރުވިކަމަށެވެ. މިގޮތުން މި ބަލީގެ ސަބަބުން ޖުމްލަ 26 ބުޅާ މަރުވެފައިވެއެވެ. އޭގެ ތެރޭގައި ބޮޑު އަށް ބުޅަލާއި 18 ކުދި ބުޅާ ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މި ބައްޔަކީ ވައިރަލް އިންފް އިންފެކްޝަނެއްކަމަށް ބެލެވޭކަމަށެވެ. އަދި ޕްރައިވެޓް ވެޓެރިނަރީ ކްލިނިކްތަކުން ހެދި ޑައިގްނޯސްޓިކް ޓެސްޓުތަކުން ގިނަ އާންމު ވައިރަލް އިންފެކްޝަންތަކަށް ނެގެޓިވް ނަތީޖާ ލިބުނު ނަމަވެސް، މި ކްލިނިކްތަކުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ކްލިނިކަލް ޕްރެޒެންޓޭޝަނާއި ބަލި ކުރިއަރާފައިވާ ގޮތަށް ބަލާއިރު މަރުވުމުގެ އެންމެ ގާތް ސަބަބަކީ ވައިރަލް އިންފެކްޝަނެއް ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. މިފަދަ ބަލިމަޑުކަމަކީ ޝެލްޓަރުތަކުގައި ނިސްބަތުން އާންމު ކަމެކެވެ. މީގެ މައިގަނޑު ސަބަބަކީ އަލަށް ގެނެވޭ ޖަނަވާރުތަކަކީ ގިނަ ފަހަރަށް އެކަށީގެންވާ ކާނާ ނުލިބި ހުންނަ، ވެކްސިން ނުޖަހާ ނުވަތަ ކުރިން އެހެން ބައްޔެއްގެ އަސަރު ކޮށްފައިވާ ޖަނަވާރުތަކަކަށް ވުމެވެ. މި ގޮންޖެހުންތައް ހުރި ނަމަވެސް، އޮޅުހިޔާ އެނިމަލް ކެއަރ ފެސިލިޓީން ބަލި ފެތުރުން ހުއްޓުވުމަށާއި ކޮންޓްރޯލް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސް.އޯ.ޕީތައް) ތަންފީޒުކުރަމުން ގެންދެއެވެ. ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު ފުރަތަމަ ބަލިމަޑުކަން ފެތުރުނު ފަހުން، މި މަހު ހަތަރަކުން ފެށިގެން އިތުރު މަރެއް ރިޕޯޓުކުރެވިފައި ނުވާކަމެވެ. މިކަމުން ދޭހަވަނީ މި ހާލަތު އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވި، މިހާރު ވަނީ ބެލެހެއްޓުމުގެ ދަށުގައި ކަމެވެ. މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ، އާންމު އުދަނގުލަކަށްވުމުގެ ޝަކުވާ އާއި ބުޅަލަށް އަނިޔާކުރުމާއި މެރުމުގެ ޝަކުވާ ވެސް ބޮޑުވެފައި އޮއްވައި، އޮޅުހިޔާ ފެސިލިޓީ ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ތަނާ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މިނިސްޓްރީން ހަވާލުވި ނަމަވެސް، އެ މަައްސަލަތަކަށް މިއަދާ ހަމައަށް ވެސް ޖުމްލަވީ ހައްލެއް ގެނެވިފައި ނުވާއިރު، އޮޅުހިޔާއަށް މިހާތަނަށް ކުރި ޚަރަދުތަށް ނިސްބަތުން ބޮޑެވެ، ނަތީޖާ ނުފެންނާތީ، އާންމުންގެ ފާޑުކިއުން ވުޒާރާއަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ