އަޅުގަނޑުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ލާހިތްވަނީ އަންހެން ހެދުމެވެ. ކުރަން ބޭނުންވަނީ އަންހެންކުދިން ކުރާ ކަންކަމެވެ. ފުރަތަމަ އަޅުގަނޑަށް ވިސްނުނީ އެއީ ދޮށްޓަށް ދެދައްތަ ތިބުމުން ދިމާވާ ކަމެއް ކަމަށެވެ.
މިހާރު ޢުމުރުން 10 އަހަރެވެ. އެކަންކަން ރަނގަޅުވުމުގެ ބަދަލުގައި ވަނީ ގޯހެވެ. އެހެންވެ ލަފާހޯދަން ސުވާލުކުރެވުނު ބައެއް މީހުން ބުނަނީ އެއީ އުފެދުމުގައި ހުންނަ މައްސަލައެއް ކަމަށާއި އެކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. މިޙާލަތުގައި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ވަރަށް ބޮޑު އަދި އެހައިމެ ނުރައްކައުތެރި މައްސަލައެކެވެ. ތިއައީ ވަރަށް ބޮޑަށް ފަރުވާތެރިވާންވެސް ޖެހޭ މައްސަލައެކެވެ. ސަބަބަކީ ތިއައީ ތިއަ މައްސަލައަށް ފަރުވާކުޑަކޮށްލެވިއްޖެނަމަ ކުއްޖާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެ މައްސަލައަކަށްވާތީއެވެ.
ކުއްޖާ ބޮޑުވެ ފާފަކުރަންޖެހޭނެ ގޮތަކަށް އެއްވެސް ކުއްޖަކު އުފަން ނުކުރައްވަވާނެކަން ޔަޤީންކުރާށެވެ! ހަމައެއާއެކު ބުއްދި ސަލާމަތުން ހުރި މީހަކު ފާފައެއް ކޮށްފިނަމަ ފާފަވެރިނުވާނެ މީހަކު ނުހުންނާނެކަންވެސް ޔަޤީންކުރާށެވެ! އެހެންކަމުން ރަނގަޅު، އިތުބާރުކުރެވޭ ދީނީ ޢިލްމުވެރިއެއްގެ ލަފާހޯދަން އަވަހަށް މަސައްކަތްފަށާށެވެ!
ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ހުޅަނގުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކުޑަކުދިން ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ކުދިން ކުށްވެރިއެއް ނުކުރާނެއެވެ. އިޞްލާޙްކުރަން މަސައްކަތެއްވެސް ނުކުރާނެއެވެ. އެއްޖިންސުން ގުޅުންހިނަގުން ފަދަ ކަމެއް ކުރިނަމަވެސް މެއެވެ. ބުނާނީ އެކުދިންގެ އެއްވެސް ކުށެއް ނެތް ކަމަށާއި އެއީ އެކުދިންގެ ހަށިގަނޑުގައިވާ ހޯމޯންސްތަކެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ.
ދެން މިވާގޮތަކީ ހުޅަނގުން ކުރާ ކޮންމެ ކަމެއް ރީތިވާ މީހުން އެކަންކަން ކުރަން ފަށަނީއެވެ. މުޖުތަމަޢުތަކަށް ޢާންމުނުވެ ހުންނަ މިބާވަތުގެ ނުބައި ކަންކަން ޢާންމުވަމުން މިދަނީ އެބުނާ ހޯމޯންސްއެއްގެ ސަބަބުންނެވެ.
މިކަމާއި ބެހޭގޮތުން ވާހަކަދެއްކި މައަކު ބުނެފައިވެއެވެ. "އަދަބާއި ޚިލާފް ކޮންމެ ކަމަކީ ހޯމޯންސްއެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނަމަ އެމުޖުތަމަޢުއެއްގައި އިޞްލާޙްކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ ކުރަން އޮތް ހަމައެކަނި ކަމަކީ އެހޯމޯންސް ނައްތައިލެވޭނެ ވެކްސިނެއް ހޯދުން ނޫން ހެއްޔެވެ؟"
އެހެން އަންހެނަކު ބުނެފައިވެއެވެ. "މީހުން ކުރާ ނުބައި ކޮންމެ ކަމެއް ކުރަނީ ހޯމޯންސްއެއްގެ ސަބަބުން ކަމަށް ބަލަން ވެއްޖެނަމަ އަދަބުދޭންޖެހޭނެ އެކަކުވެސް ނުހުންނާނެ ނޫން ހެއްޔެވެ؟ މިއީ ކެންސަރަށްވުރެ މާނުބައި ހޯމޯންސްއެއް ނޫން ހެއްޔެވެ؟"
ކޮންމެއަކަސް އުފެދުމުގައި ތަފާތު ކުދިން ތިބޭނެއެވެ. ރަނޑުކުދިންވެސް ތިބޭނެއެވެ. އަނެއް ޖިންސުގެކުދިން އުޅޭހެން އުޅެން ބޭނުންވާ ކުދިންވެސް އުޅޭނެއެވެ. އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކުއްޖަކަށް ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. އެކުދިންނާއި އަޅާލައި، ވިސްނައިދީގެން ތަރުބިއްޔަތުކުރެވިއްޖެނަމަ މައްސަލަތައް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ
މުސްލިމް ބެލެނިވެރިން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ހޯމޯންސްއަކާއި އަޅުވައި ނިންމައިލެވެން އޮތް މައްސަލައެއް ނަމަ އެއްޖިންސުން ގުޅުން ހިންގުމުން ބޮޑު އަދަބުދޭކަށް އިސްލާމް ދީނަކު ނުއޮންނާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. އެމީހަކު ޒިންމާ އުފުލަން ނުޖެހޭނެ ކުށަކަށް އަދަބުދޭކަށް އިސްލާމްދީނުގައި ނުއޮންނާނެތީއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ބައެއް ރިޕޯޓުތަކުގައިވާ މައްލޫމާތެކެވެ. އަޅުގަނޑުމެންގެ ތެރެއަށް މިފަދަ ކަންކަން ޢާންމުވުން ހުއްޓުވޭނީ މިކަންކަމަށް ބެލެނިވެރިން ހޭލުންތެރިވެގެންކަމަށް ފެންނާތީ ހާމަކޮށްލީއެވެ.
- އަލަފް / މިއަދުނޫސް
ދަރިންނަށް ކުށް ކުރެވެނީ އުފެދުމުގަ ހުންނަ މައްސަލައަކުން ކަމަކަށް ނުނިންމޭނެ! އިޞްލާޙްކުރުވޭނެ ގޮތްތައް ހުންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ