މީޑިއާ ބިލު ތަސްދީގުނުކުރަން ލަންކާގެ ނޫސްވެރިން ވެސް ގޮވާލައިފި

މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ބިލު ތަސްދީގު ނުކުރަން ސްރީ ލަންކާގެ ވެރި ރަށް ކޮލޮމްބޯގައި ކުރި މުޒާހަރާއެއްގައި އެ ގައުމުގެ ނޫސްވެރިން ވެސް ގޮވާލައިފި އެވެ.ލަންކާގެ 20އަކަށް ނޫސްވެރިން އެ އިހްތިޖާޖު ބޭއްވީ ވެރިރަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައެވެ. އެ ނޫސްވެރިން ވަނީ، މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ."ސަބަބަކީ ބިލު ތަސްދީގުކޮށްފިނަމަ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ގެއްލޭނެތީ، ކުރިއަށް ދެވޭނީ މީޑިއާގެ މިނިވަންކަން އޮންނަ ނަމަ، އެހެންނޫން ނަމަ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް އެކަމުގެ އަސަރުކުރާނެ،" މި އެއްވުމުގައި ބައިވެރިވި ސްރީލަންކާގެ ނޫސްވެރިއެއް ކަމަށްވާ އަރޯޝާ ފެނާންޑޯ ބުންޏެވެ.މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަން އަދި އިންޓަނެޓުގައި ފާޅު ކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. އެ ބިލު ތަސްދީގު ނުކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ."މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ވީ ވައުދު ދަމަހައްޓާ މި ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒު އަށް ގޮވާލަން،" ސީޕީޖޭ އިން ބުނެފައިވެ އެވެ.ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ