އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރާއިރު، މީގެ އަސަރު ފަންނީ ދާއިރާގެ މުވައްޒަފުންނަށް ނުކުރާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު މިވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައެވެ.
ވަޒީރު ވިދާޅުވީ ކުންފުނިތަކުގެ އިންޖިނިއަރުންނާއި، ޕައިލެެޓުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، އިސްތިސްނާ ކުރަން ނިންމާފައިވާކަމަށެވެ.
ޒަމީރު ވިދާޅުވިއެވެ.
އެއީ އެމީހުންގެ މުސާރަ ކުޑަކޮށްފިނަމަ، އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް އިތުރު އޮޕްޝަންތަކެއް އޮންނާނެތީކަމަށް ވިދާޅުވިއެވެ. އެމީހުން ވަޒީފާއިން ވަކިވެއްޖެނަމަ، ކުންފުނިތަކަށްވެސް ގެއްލުންވާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރި ނަމަވެސް، އެއްވެސް މުވަޒަފެއްގެ މުސާރަ 12،000 ރުފިޔާއަށްވުރެ ދަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަންނީ މުވައްޒަފުންގެ ބޭރުން ބާކީ ތިބި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 90،000 ރުފިޔާއަށްވުރެ ބޮޑުނުވާނެކަމަށެވެ.
އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، މުސާރައާއި ގުޅޭ ކަންކަމުގައި މައިގަނޑު 4 ފިޔަވަޅެއް، 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން؛
1. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި،
2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއިއެކު، ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މިވަގުތު އޮތް ގޮތުން 1 ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ވެރީން ތިއްބެވިއިރު، ކުންފުނިތަކުގެ ވެރީންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމާއި،
3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،
4. ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، އެ ފަރާތްތަކުގައި އެދިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިޔާ ވަނީ ހާމަކުރައްވާފައެވެ.
މި ފިޔަވަޅުތައް އެޅުއްވުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
މާލީ އިސްލާހީ އެޖެންޑާގެ ތެރެއިން ފަންނީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރާނެ: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ