ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ 17 އިންސައްތައަށް ބޮޑު ކުރާ އިސްލާހު މަޖިލީހަށް

ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މުސްތަފާ އެވެ. އެ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް ޓީޖީއެސްޓީގެ 16 އިންސައްތަ ދައްކަން ޖެހޭނީ އަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނީ 17 އިންސައްތަ އެވެ.
އިސްލާހުގައި ހިމަނާފައިވާ ތަފްސީލުތަކުގައި ބުނެފައިވަނީ، މި ބަދަލުގެ ސަބަބުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބެމުންދާ އާމްދަނީއަށް 200 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެ ކަމަށެވެ.
މީގެއިތުރުން ސަރުކާރުފެ ފަރާތުން އިތުރަށް ހުށަހަޅާފައިވާ އިސްލާހެއްގައި ވަނީ، ގްރީން ޓެކްސް 100 އިންސައްތަ އިތުރު ކުރުމަށެވެ. އެގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ދައްކަން ޖެހޭނީ ހަ ޑޮލަރެވެ.
އިސްލާހުގައި ވަނީ ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި ބާރަ ޑޮލަރެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ޖެހޭ ގޮތަށް ހުށަހެޅި މި އިސްލާހުގެ ދަށުން ދެ އަހަރުން ދަށުގެ ކުދިންނަށް ގްރީން ޓެކްސް ދައްކަން ނުޖެހޭނެ އެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން މަޖިލީހަށް ތިން ޓެކްސްއެއް ބޮޑު ކުރަން ހުށަހަޅާފަ އެވެ. އެއީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމާއި ގްރީން ޓެކްސްގެ ރޭޓުތަކަށް ގެންނަ ބަދަލުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ