ތިނަދޫއަށް އަލުން ކަރަންޓް ފޯރުކޮށްދިނުމަށް، ދައުލަތުގެ ވުޒާރާތަކުން ހުއްޓުމެއް ނެތި ދަނީ މަސައްކަތްކުރަމުން - ރައީސް

ގދ. ތިނަދޫއަށް އަލުން ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް، ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި ފެނަކަ އަދި އެހެނިހެން ކުންފުނިންތަކުން ހުއްޓާނުލައި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވައިފިއެވެ.
ތިނަދޫގައި އިންޖީނުގޭގައި ރޭ ހިނގި ހާދިސާގައި އިންޖީނުގެ އެކުގައި އަނދާ ހުލިވެ އަދި ނަތީޖާއެއްގެ ގޮތުން، މުޅި ރަށުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ބުރޫއަރާފައިވާތީ އެކަމާ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެލައްވާ ކަމަށް، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން މިއަދު ތިނަދޫގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށާއި، ނަމަވެސް ކޮންމެހެން ދޭންޖެހޭ ޞިއްޙީ ފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހޮސްޕިޓަލަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މި ހާދިސާގައި، ތިނަދުއަށް ކަރަންޓު ދިނުމަށް ބޭނުންކުރެވެމުން ދިޔަ ހުރިހާ އިންޖީނެއް ހަލާކުވެ، އިންޖީނުގެވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވުމުން، ކުރިން ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ޚިދުމަތްތައް ދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް، ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި ފެނަކަ އަދި އެހެނިހެން ކުންފުނިންތަކުން ހުއްޓާނުލައި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަވަނީ ތަޙްޤީޤު ކުރައްވަމުން ކަމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނޭ ފަދަޔަކުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށް، އެ ބަޔާނުގައި ބުނެފައިވެއެވެ.
ރޭ ހިނގި ހާދިސާގައި ލިބުނު ގެއްލުން 22 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި ކުރިއަށް އޮތް 8 ދުވަހަށް ބޭނުންވާވަރަށް ފެން ފޯރުކޮށްދެވޭވަރުގެ ސްޓޯރޭޖެއް އެބަހުރި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ