ލޯންޗުފަރަހާއި ދޯނި ފަހަރުގަ ކަރަންޓީނު ކުރަނީ މަޢުލޫމާތު ނޭނގި ތިބެ - ފުލުހުން

ލޯންޗުފަހަރާއި، ދޯނި ފަހަރުގައި މީހުން ކަރަންޓީނު ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ބައެއް ރަށްރަށުގެ ޓާސްކްފޯސް ތަކުން އެކަން އެގޮތަށް ކުރަމުން ދަނީ، ކަމާއި ބެހޭ މަޢުލޫމާތު އެފަރާތްތަކަށް ރަނގަޅަށް އެނގިފައިނުވާތީ ކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.
ބައެއް ރަށްރަށުގެ ފަޅު ތެރޭގައި މީހުން ކަރަންޓީނު ކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގެ، "ވަގުތު" ގެ ފަރާތުން ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، އެކަންކަން ހައްލު ކުރުމަށް ޓާސްކްފޯސްތަކާއި އެލްޖީއޭ އާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ރަށްރަށުގެ ޓާސްކްފޯސް ތަކަކީ ވަރަށް މުޙިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބައެއް ކަމަށްވެސް ނަވީން ވިދާޅުވިއެވެ.
ދާދިފަހުން ދ.މީދޫ އަށް ދިޔަ ދޯންޏެއް ކަރަންޓީނުކޮށްފައި ވާއިރު، އެރަށަށް ދަތުރުކުރި ލޯންޗެއްވެސް ފަޅު ތެރޭގައި ކަރަންޓީނުކޮށްފައި ވެއެވެ. އެމީހުން ކަރަންޓީން ކުރީ ކަޑިންމަ ރިސޯޓްގައި ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސް ދިނުމަށް ފަހު އެނބުރި ރަށަށް ދިއުމުން ރަށު ކައުންސިލުންނާއި، ރަށުގެ ޓާސްކްފޯހުންނެވެ. އެ ލޯންޗު ކަރަންޓީނު ކުރިއިރު އޭގައި ދެ ދިވެހިންނާއި ބިދޭސީއަކު ހުއްޓެވެ. ހަމައެހެންމެ، ދަނގެތިން ފުރައިގެން ނައިފަރަށް ދިޔަ މީހަކުވެސް ވަނީ އެތައް އިރެއް ވަންދެން ރަށަށް ނުފޭބި އެރަށު ފަޅުތެރޭގައި މަޑުކުރަން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ