ގާސިމް، ރައީސް އަށް: ކޮބައިތޯ ޑިމޮކްރަސީ؟ ކޮބައިތޯ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވާ ޑިމޮކްރަސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.
ގާސިމް ރައީސް ޞާލިހަށް މި ސުވާލުތައް އަމާޒު ކުރެއްވީ ޖުމްހޫރީ ޕާޓީއަށް ބައެއް މީހުން ސޮއި ކުރުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރަމުން ގެންދާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް "މިހާރު" ނޫހުގައި ރިޕޯޓް ކޮށްފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ދެކޮޅަށް ވަކާލާތު ކުރި މުވައްޒަފުން ވަޒީފާ އިން ވަކިނުކުރެވޭނެ ކަމަށެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނާ ޚަބަރު އެމްއޭސީއެލް އިން ވަނީ ދޮގުކޮށްފައެވެ.
ނަމަވެސް ގާސިމް މިރޭ ވަނީ އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
ގާސިމް ވިދާޅުވީ އެ މުވައްޒަފުން ރައީސް ޞާލިހް އެ އަރައިގަންނަނީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް ކަމަށެވެ.
"ކޮބައިތޯ އެވިދާޅުވާ ޑިމޮކްރަސީ؟ ކޮބައިތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަޅުގަނޑު ދަންނަވާނީ މަނިކުފާނު އެ މުވައްޒަފުންގެ ވަޒީފާ އިޔާދަ ކުރާށޭ. އިއްޒަތްތެރި މަނިކުފާނު ތިގޮތައް ކަންތައްތައް ކުރެވުމުން އެ އަރައިގަނެވެނީ ކޮންއެއްޗަކަށްތޯ؟ އެ އަރައިގަނެވެނީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް. މިއީ އަމިއްލަ ގެދޮރުތަ؟ އެމީހުންނަށް ވެސް ޚިޔާލުފާޅު ކުރުމުގެ ޙައްޤު އޮންނަން ޖެހޭނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ 80 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދަމުން އަންނަ ޓާމިނަލް ވަކި އެއް ކުންފުންޏަކަށް ދީގެން ނުވާނެ ކަމަށާއި ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ ކަންކަން އެނގޭ މީހުން އެއްޗެހި ވެސް ކިޔާނެ ކަމަށެވެ.
އެމްޑީޕީ މެންބަރުންނަށް ޙައްޤުވާ މިންވަރު ނުލިބޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް މިރޭ ވަނީ ސުވާލުތަކެއް ކުރައްވާފައެވެ.
"ކޮބައިތޯ އިންސާފު؟ ކޮބައިތޯ ޤާނޫނީ އިން؟ ޤާނޫނީ މިން؟ ހައްބަ މުކައްބަ ނެތީ ކީއްވެތޯ؟" ގާސިމް ވިދާޅުވިއެވެ.
މިއަދު ކޯލިޝަން ގޯސް ވެގެން ނަޝީދު އެވާހަކަ ދައްކަވާއިރު ކޯލިޝަން ހަދަން ވެގެން ނަޝީދު "ރުއި ރުއިން" މިއަދު ހަނދާނެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ޖުމްހޫރީ ޕާޓީ އާއި ވީހާ ވެސް ގިނަ ބޭފުޅުން ގުޅިވަޑައިގަތުމަށް މިރޭ ވެސް ދައުވަތު ދެއްވާފައެވެ. "ވަގުތު ކައިރިވަމުން އަންނަނީ. ފެބްރުއަރީ 05 ވަނަ ދުވަހަކީ ކައުންސިލް އިންތިޚާބަށް އަޅުގަނޑުމެން ޕާޓީއަށް ގުޅެން ބޭނުންވާ ބޭފުޅުންނަށް އޮތް އެންމެ ފަހު ތާރީޚް. އެހެންކަމުން އޭގެ ކުރިން އަޅުގަނޑުމެންނާއި ވީހާވެސް ގިނަ ބޭފުޅުން ގުޅިވަޑައިގަތުން އެދެން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން ސިޔާސީ ދާއިރާ އިން ފަސޭހައިން ކުރިއަށް ދެވޭނެ ކަމަށާއި އަދި މަގާމުތަކަށް ވަޑައިގަތުމަށް ވެސް އެންމެ ފަސޭހަ ވާނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާ އަށް އެތައް "އަނިޔާއެއް" ލިބެމުންދާއިރު ވެސް ސިޔާސީ މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވީ އޭނާ އެކޭ އެއްފަދައިން ނިކަމެތި ކަމާއި އެކު އެހެން މީހެއް ކައިރިއަށް ދާން ނުޖެހޭ ފުދުންތެރިކަމާއި އެކު ތަނަވަސް ދިރިއުޅުމެއް އުޅެވޭ ރައްޔިތަކަށް ކޮންމެ ދިވެހި ރައްޔިތަކު ހެދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ