އެހީތެރިކަން ބޭނުންވެގެން ބުނަންދެން މަޑުނުކޮށް ބޭނުންޖެހިފަވާ މީހުންނަށް އެހީތެރިވެދެއްވުމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މައުމޫނު ފައުންޑޭޝަނުން އިސްނަގައިގެން ރަމަޟާންމަހު ކުރިއަށް ގެންދާ އިހްޔާ ޕޮރޮގަރާމްގެ ދަށުން ރޭ ކުރިއަށްގެންދެވި ޕްރޮގަރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަރަކާތްތެރި ރަމަޟާން މަހަކީ ދީލަތިވުމުގެ މަހެއްކަން ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ. އެކަން އެންމެ ބޮޑަށް އެނގެނީ ކީރިތި ރަސޫލާ ދައްކަވާފައިވާ ރީތި ނަމޫނާއިން ކަމަށް ވިދާޅުވިއެވެ. މާތް ﷲ ކީރިތި ރަސޫލާ ލައްވާފައިވަނީ އަޅުގަނޑުމެންނަށް ރިވެތި ނަމޫނާއެއްގެ ގޮތުގައިކަން ފާހަގަ ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ކީރިތި ޤުރްއާނުގައި އެކަން އެހެން އަންގަވާފައި އެބައޮތްކަމަށެވެ. ޚާއްސަކޮށް ރަމަޟާން މަހު ކީރިތި ރަސޫލާގެ ދީލަތިފުޅުކަމުގެ ވާހަކަ ވަރަށްގިނަ ރިވާޔަތްތަކުގައި އައިސްފައި އެބަހުރިކަން ފާހަގަ ކުރެއްވިއެވެ. އެއިން އެއް ރިވާޔަތުގައި ރަމަޟާން މަހު ކީރިތި ރަސޫލާގެ ދީލަތިފުޅުކަން ސިފަކުރައްވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލެވިފައިވާ ވައިރޯޅިއެއްގެ ބާރުމިނުގައި ދާ ދީލަތިކަމެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
" އޭގެ މާނައަކީ އެންމެންނަށް އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ ފައިދާ ކުރެއޭ. ވަކި ހިސާބެއްގަ ހުއްޓިފައި އޮތީކީ ނޫނޭ. އެހާ ތަނަވަސް ދީލަތިކަމެއް އެކަލޭގެފާނު ދެއްކެވީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ކީރިތި ރަސޫލާއަށް އިދާއުވުމުގު (ތަބާވުމުގެ) ގޮތުންވެސް މި ރަމަޟާން މަހު އިތުރަށް ދީލަތިވާން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން ދަންނަ މީހުންނާ އާއިލާ މީހުން ކުރެން ސުވާލުކޮށްގެން އެމީހުންގެ ހާލުއަހުވާލު ބަލާފައި އެއްވެސް އެހީއަކަށް ބޭނުންވާ މީހަކު ހުރިއްޔާ އެމީހަކަށް އެހީވެދޭން." ރައީސް މައޫމުނު ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގައި ވަރަށް ގިނަ އަމިއްލަ ފަރާތްތަކުން ވެސް ދީލަތިކަމާއެކު ހާޅުގައި ޖެހފަވާ މީހުންނަށް އެހީތެރިވަމުންދާން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ. ކޮރޯނާވައިރަހުގެ ކުރިންވެސް އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އާދައެއްކަން ފާހަގަ ކުރެއްވިއެވެ.
ރޭގައި ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުރީރޭގެ ވާހަކަފުޅުގެ ބައެއް ކަންކަން އިތުރަށް ތަފްޞީލް ކޮށް ދެއްވައިފައެވެ. އެގޮތުން ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ވިދާޅުވީ މިހާރު މިއުޅޭ ރޯގާއަކީ، ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް ޕެންޑެމިކް އަކީ އެއްގޮތަކަށް ވެސް ﷲ ގެ ކޯފާއެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ މަގްސަދަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ގޯސްކޮށް އުޅެން ހިތްވަރު ދިނުމެއް ނޫން. އެމީހަކު ހިތުހުރި ގޮތަކަށް އުޅެން ހިތްވަރު ދިނުމެއް ނޫން. އެއީ ރޯގާއެއް ކުރިމަތިވެފައި އޮތަސް ނެތަސް އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން. ދީނުގައި ހުއްދަ ކަންތައްތަކާއި ޙަރާމް ކަންތައްތަކާ ވަނީ ކަނޑައަޅުއްވާފައި، އެހެންވީމާ އެއްވެސް އިރެއްގަ އަޅުގަނޑުމެން ހަރާމް ކަމަކަށް އަރައިގަނެގެނެއް ނުވާނެ. އެއީ އަޅުގަނޑު އެރޭ ދަންނަވާލި ފަދައިން މިފަދަ ކަންތައްތައް މި ދިމާވަނީ މާތްﷲ އަޅުގަނޑުމެން ކުރައްވާ އިމްތިޙާނެއްގެ ގޮތުގައި." ރައީސް މައުމޫނު ވިދާޅުވިއެވެ.
އެހީތެރިކަން ބޭނުންވެގެން ބުނަންދެން މަޑުނުކޮށް އެހީތެރިވެދެއްވާ- ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ