ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގާސިމް ގޮވާލައްވައިފި

ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. ޖުމްހޫރީ ޕާޓީން ހެންވޭރު އުތުރު ދާއިރާއަށް ނެރެފައިވާ ކެންޑިޑޭޓު އަލްހާން ފަހުމީގެ ކެމްޕެއިން ޖަލްސާ ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތް ކުރެއްވީ "އިހަށްދުވަހު" ކަމަށެވެ. އެހެންނަމަވެސް، މިއަދު ރާއްޖޭގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށް ލުމް މިހާރު ސަގާފަތަކަށް ވެފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންގުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔަ އިރުގައި އިންޓެލިޖެންސް ރިޕޯޓެއްގައި ފުލުހުން ދޮގު ބަޔާނެއް ދިން ކަމަށް ވިދާޅުވެ ގާސިމް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. "އެހެންވީމަ އަޅުގަނޑު ގޮވާލަން މި ބޭނުންވަނީ އަބްދުﷲ ޔާމީން އެހެން ވާނުވާ ޖަހާފައި ޖަލުގައި ނުބޭންދޭނެއޭ. ދޫކުރައްވާށޭ މިހާރުން މިހާރަށް،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއްކޮށްގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ދެން އެމަނިކުފާނު ޖަލަށް ލުމުގައި މައްސަލައެއް ނެތް ކަމަށެވެ. "ރަނގަޅަސް ނުބަޔަސް ގައުމަށް އެހާ ބޮޑެތި ހިދުމަތްތަކެއް ކޮށްފައި ގައުމުގެ އެންމެ މަތީ ވެރިކަން ކޮށްފައި ތިބޭ ބޭފުޅުން އެގޮތަށް ރަހުމެއް ނެތި ހަމްދަރުދީއެއް ނެތި ހައްޔަރުކޮށްގެން ނުވާނެއޭ އަޅުގަނޑު މި ދަންނަވަނީ،" ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށްވެސް ހުކުމް ކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ޖަރުމަނުވިލާތަށް ވަޑައިގެންފަ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމަށް ފަހު ހައިކޯޓުން ވަނީ ގާސިމްގެ ހުކުމް ބާތިލުކޮށްފަ އެވެ. ގާސިމް އެނބުރި ރާއްޖެ ވަޑައިގަތީވެސް ރިޔާސީ އިންތިހާބަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަ ކުރަން ނިންމުމާ އެކު ގާސިމް ވަނީ އިދިކޮޅު ޕީޕީއެމް-ކޮންގްރެސް ޕާޓީ ކޯލިޝަނާ އެކު މަޖިލީހުގައި ވާދަ ކުރައްވަން ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ