ސިއްހީ ދާއިރާގެ ބަސްތަކަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ސިއްހީ ދާއިރާގެ ޓާމިނޮލޮޖީ ތަކާއި ބަލިތައް ކޯޑު ކުރާނެ ގޮތް ކިޔައިދިނުމަށް އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އައިސީޑީ 10) އިން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ފެއްޓަވައިދެއްވީ މިރޭ ހޮޓެލް ޖެން ގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މިރޭ ފެށި މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ސިއްހޯ ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް 60 މުވައްޒަފުން ބައިވެރިވެއެވެ. ބައިވެރިންނަށް ތަމްރީނު ދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ކަނޑައަޅައިފައިވާ މާހިރުންނެވެ. ހެލްތު މިނިސްޓްރީ އިން ބުނީ ޕްރޮގްރާމުގެ މަގުސަދަކީ ސިއްހީ ދާއިރާގެ ޓާމިނޮލޮޖީތަކަށް ބައިވެރިން އަހުލުވެރި ކުރުވުމާއި، ބަލިތައް އަދި މަރުވި ސަބަބުން ބައިނަލްއަގުވާމީ މިންގަނޑަށް ކޯޑު ކުރެވި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގަބޫލުކުރާ ފެންވަރަށް ސިއްހީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މަގުފަހު ކުރުވުމެވެ. އައިސީޑީ އަކީ މަރުވި ސަބަބު އަދި ބަލިތަކާ ގުޅޭ ތަފާސް ހިސާބުތައް އެއްކުރުމަށްޓަކައި ޑަބްލިއުއެޗްއޯ އިން އެކުލަވާލާފައިވާ ކޯޑިން ނިޒާމެކެވެ. މި ތަމްރީން ޕްރޮގްރާމަށްފަހު ސިއްހީ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ