އެއްބަސްވުންތައް އުވާލާނެ ކަމަށް ޔާމީން ވިދާޅުވުމުން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ސަރުކާރު ބަދަލުވެއްޖެނަމަ ނުވަތަ ޕީޕީއެމްގެ ބާރު ހިނގާ ވެރިކަމެއް އައިސްފިނަމަ ރާއްޖޭގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ދިނުމަށް މިހާރުގެ ސަރުކާރުން ސޮއި ކުރަމުންދާ އެއްބަސްވުންތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދެވެ.
ކުއްލި މައްސަލަ ބަލައިގަންނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ 54 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވީ ޔާމީންގެ ވާހަކަފުޅަކީ "ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް" ކަމަށެވެ.
"މިވާހާތަކަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް. އެހެންކަމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މައްސަލަ ހުށަހެޅީ." ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިރު ނިންމެވި "ހީލަތްތެރި ނިންމުންތަކުގެ ސަބަބުން" ދުރުރާސްތާގެ ތަރައްޤީ އަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފާކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރް އާއި އެއާޕޯޓް ހަވާލު ކުރީ އެއާޕޯޓް ތަރައްޤީކޮށް އަދި ފައިދާގެ ގޮތުގައި 2.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކަމަށާއި ނަމަވެސް ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް ފަހު ޔާމީން އެއާޕޯޓް ތަރައްޤީ އަށް 800 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އެއާޕޯޓްގެ ޓާމިނަލް އަޅަން ބިންލާދިން ގްރޫޕާއި ހަވާލު ކުރީ ބިޑް ކުރުމުގެ ރަނގަޅު ނިޒާމެއް ބޭނުން ނުކޮށް ކަމަށް ނިހާދު ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖު އަޅަން ހަވާލު ކުރި ޗައިނާގެ ކުންފުންޏާއި އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އާއްމު ނުކުރާކަމަށް ވިދާޅުވެ އެކަމަށް ވެސް ނިހާދު ފާޑުވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރްއަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަމުގައި ޖީއެމްއާރް އަށް ބޮޑު ބަދަލެއް ދިނުމަށް ފަހު އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެއް ފެއްޓެވިއެވެ. އެމަޝްރޫޢުގެ ދަށުން ރަންވޭ އަޅައި ނިންމާ ޓެސްޓް ފްލައިޓް ވެސް ޖެއްސިއެވެ. އޭގެ އިތުރުން ތެޔޮ ރައްކާ ކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫޢުއަކާއި ސީ ޕްލޭން ޓަމިނަލްއަކާއި ވީއައިޕީ ޓާމިނަލް އަކާއި ކާގޯ ޓަމިނަލް އަކާއި ފަަސެންޖާ ޓާމިނަލްއެއްގެ މަސައްކަތް ފެއްޓެވިއެވެ. ފަސެންޖާ ޓާމިނަލް ފިޔަވައި އެހެން މަސައްކަތްތައް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.
ސީ ޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިންޑިއާގެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ