އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޓާނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ކުރި އިއުލާނުގައި ވަނީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އޮންނަ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ދީފަ އެވެ.
އެ ބޯޑުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 35 އަހަރު ވުމާއި ޚިޔާނާތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައި ނެތުމާއި ޖިނާއީ އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ ފަސް އަހަރު ވެފައި ވުން އަދި މަސްލަހަތެއް އޮތުމުގެ ސަބަބުން އެ ބޯޑުގެ މެމްބަރުކަން ކުރަން ހުރަސް އެޅިފައި ނެތުމެވެ. އަދި 10 އަހަރުގެ ތަޖުރިބާ ހުރުމާ އެކު އެ ބޯޑުގެ މެމްބަރުކަން ކުރެވޭނެ އިލްމު ހުރިކަން މީހެއްކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ