ރައްޔިތުންނަށް ހެވާ ލާބަ ނުވާ ކަންކަމުުގައި، ކޮންމެ ފަރާތަކުން ހުށަހެޅިޔަސް ދެކޮޅު ހަދާނަން: އަލްހާން

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ އިރު، ރައްޔިތުންނަށް ހެވާ ލާބަ ނުވާ ކަންކަމުގައި، ކޮންމެ ފަރާތަކުން ހުށަހެޅިޔަސް އެކަމަކާ ދެކޮޅަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް ބަހުސްގައި އިއްޔެ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ ސަރުކާރު ޒިންމާދާރު ކުރުވުމާއި ގާނޫނުތައް ހެދުން ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިިލީހަށް އިންތިހާބު ކޮށްދެއްވައިފިނަމަ މިހާރު މިއޮތް ސަރުކާރު ޒިންމާދާރު ކުރުވުމާއެކުގައި އެ ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓުން ގެންނަވާ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ހުރި ހުރިހާ ކަމެއްގައި އަޅުގަނޑު އެއްބާރުލުން ދޭނަން. އެހެންނަމަވެސް ރައްޔިތުންނަށް ހެވާ ލާބަ ނުވާ ކަންކަމުގައި ކޮންމެ ފަރާތަކުން ހުށަހެޅިޔަސް އަޅުގަނޑު އެކަމަކާ ދެކޮޅަށް ވަކާލާތު ކުރާނަން،" އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޕާޓީ މަޖިލީހެއް ނޫން ކަމަށާއި، އެތަނުގައި ތިބެންވާނީ މިނިވަންކަމާއެކީގައި ވާހަކަ ދެއްކޭ މީހުން ކަމަށެވެ. އަދި ޕާޓީތަކުގެ އަޅުން އެތަނުގައި ތިބެގެންނުވާނެ ކަމަށާއި އެޖެންޑާތަކުގައި ޖެހިފައި ބަދަލުވެގެންދާ ހާލަތާއެކީ ބަދަލުވާން ނޭނގޭ މީހުން އެތަނުގައި ތިބެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން ރައްޔިތުންނަށް، ސަމާލުވެ ވަޑައިގަންނަވާށޭ، މިދަނީ ޕާޓީ މަޖިލީހަކަށް ނޫން. މިދަނީ ރައްޔިތުންގެ މަޖިިލީހަށް. އެތަނުގައި ތިބެންވާނީ މިނިވަންކަމާ އެކީގައި ވާހަކަ ދެއްކޭ މީހުން، ޕާޓީތަކުގެ އަޅުން އެތަނުގައި ތިބެގެންނުވާނެ. އެޖެންޑާތަކުގައި ޖެހިފައި ބަދަލުވެގެންދާ ހާލަތާއެކީ ބަދަލުވާން ނޭނގޭ މީހުން ތިބެގެންނުވާނެ،" އަލްހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމަކީ ހަމަޖެހޭ، އަދުލު އިންސާފުގެ މަގުން ގެންދެވޭ، އެންމެންގެ މައްޗަށް ހިންގޭ ހަމަހަމަ އުސޫލަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ރައްޔިތުންގެ ކަންކަން ހައްލުކޮށްދިނުމަށްޓަކައި ރާއްޖޭގެ ގާނޫނީ ނިޒާމަކީ ހަމަޖެހޭ، އަދުލު އިންސާފުގެ މަގުން ގެންދެވޭ، އެންމެންގެ މައްޗަށް ހިންގޭ ހަމަހަމަ އުސޫލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ބަހުސް އަޅުގަނޑު އަބަދުވެސް ރައްޔިތުންގެ މަޖިލީހުގައި ކެނޑިނޭޅި ކުރަމުން ގެންދާނަން،" އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19 އަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، މަޖިލީހަށް ދަނީ އެމްޑީޕީގެ ސިޔާސަތު ހިންގަން ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ހިންގަން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެޖެންޑާ 19 އަކީ ބޮލުުގައި ރިއްސައި ގަތީމަ ދޭ ބޭސްގުޅަ އަކަށް ވެގެންނުވާނެ. އެޖެންޑާ 19 އެކިޔާ އެއްޗަކީ ސިޔާސަތުތަކެއް ކަމަށްވާނަމަ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން، އެމްޑީޕީގެ ސިޔާސަތު ހިންގާކަށް ނޫނޭ މަޖިލީހަށް މިދަނީކީ. އަޅުގަނޑުމެން މިދަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ހިންގާށޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތު ހިންގާށޭ. އެ ސިޔާސަތަށޭ ރައްޔިތުން ވޯޓުދިނީ. އެހެންވީމަ ރައީސް ނަޝީދު ވިދާޅުވާގޮތަކަށް އެޖެންޑާ 19 އެއް ހިފައިގެން އައިސް އަޅުގަނޑުމެން މަޖިލީހުގައި ކުރާނެ ކަމެއް ނޯންނާނެ،" އަލްހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ