ޤަސްތުގައި މީހަކު މެރުމުގެ ކުށް ތަހުޤީޤު ކުރުމާއި އެ ކުށުގެ އަަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު ގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑިމޮކްރެސީ ނެޓްވާރކުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައާ މެދު ވަކިގޮތެއް ކަނޑައަޅަންދެން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފައި ވަނީ، ޑިމޮކްރެސީ ނެޓްވާރކްގެ ފަރާތުން ހުށަހެޅި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުންނެވެ.
އެގޮތުން، ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، އެކޯޓުގައި ހިނގަމުންދާ މި މައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު މި އަމުރު ނެރުނު އިރު، މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ ދެމީހަކު ރާއްޖޭގައި މިވަގުތު އެބަ ތިއްބެވެ. އެއީ، ޑރ. އަފްރާޝީމް އަލީގެ ޤާތިލް ހުސައިން ހުމާމާއި ވަކީލް އަލީ ނަޖީބުގެ ޤާތިލް އަހުމަދު މުއްރަތުއެވެ. މީގެ ކުރިން ކަރެކްޝަނަލް ސަރވިސް އިންވެސް ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާންޖެހޭ ބައެއް ތައްޔާރީތައް ވެފައެވެ.
ދިރިހުރުމުގެ ހައްޤަކީ ޤާނޫނީގޮތުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށް ވާއިރު، އެހެނިހެން އަސާސީ ހައްޤުތަކެކޭ އެއްފަދައިން، ދިރިހުރުމުގެ ހައްޤު ނިގުޅައިގަނެވޭ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ޤާނޫނެއްގެ ތެރެއިން ކަމަށް ވިދާޅުވެ ޑިމޮކްރެސީ ނެޓްވާރކްގެ ޤާނޫނީ ވަކީލް ނާޒިމް އަބުދުއްސައްތާރު ވަނީ މަތީގައި ބަޔާންކުރެވުނު ޤަވާޢިދުގެ އަށް ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާއާ ހަމަޔަށް ހުރި މާއްދާތައް ބާތިލުކޮށްދިނުމަށް އެދިފައެވެ. އޭނާ، ވިދާޅުވީ ޤާނޫނަކުން ނޫންގޮތަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށާއި ޤަވާޢިދަކުން އަސާސީ ހައްޤެއް ނިގުޅައި ނުގަނެވޭނެ ކަމަށާއި މީގެ ކުރިންވެސް އަމަލުކޮށްފައިވަނީ އެފަދައިން ކަމަށެވެ.
އެހެންނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ ގޮތުން، އެކަމުގެ އިޖުރާއާތުތައް ބަޔާންކޮށް ރާއްޖޭގައި ހަދާފައިވާ ޤަވާޢިދުގައި އުނިކުރަން ޖެހޭ މާއްދާއެއް ނެތްކަމަށް ދައުލަތުން ވަކާލާތުކުރިއިރު، ދައުލަތުގެ ފަރާތުން ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވަނީ މިހާރުގެ ޤާނޫނުލް އުޤޫބާތާއި، ބިރު ދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ޤާނޫނުގެ ދަށުން ކަމަށާއި އެ ޤާނޫނުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތައް ކަމަށެވެ.
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ