ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ ގުޅިގެން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށް އެދިފައެވެ. މީގެއިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރުކޮށްދިނުމަށް ވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން އެދިވަޑައިގަތެވެ.
ރިޔާޒް ކޯޓަށް ހާޒިރުކުރުމަށް އެދުނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވިޔަސް އެމަނިކުފާނާ މެދު ޓެރަރިޒަމްގެ ތަހުގީގެއް ކޮށްފައި ނުވާކަން ސާބިތުކުރުމަށެވެ. އިއްޔެގެ އަޑުއެހުމުގައި ރައީސް ނަޝީދުގެ ފަރާތުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް ފަނޑިޔާރުން ވިދާޅުވީ މީހުން ހާޒިރުކޮށްގެން ސުވާލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަކު ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުން ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ، ބޭސްފަރުވާއަކަށް އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުން ހުއްދަ ދެއްވުމާ އެކުއެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވުމުގެ ހުއްދަ ދީފައިވަނީ 30 ދުވަހަށެވެ. ނަމަވެސް ސަރުކާރުން ވަނީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފިނަމަ އެކަން ކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ މައްސަލައިގެ އަޑުއެހުންތަށް ސުޕްރީމް ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ