ކޮމަންވެލްތުން ވަކިވުމަށް ރައީސް މައުމޫން ގޮވާލެއްވީ ކީއްވެ؟

މީގެ 34 އަހަރު ކުރިން ކޮމަންވެލްތު ގައި ދިވެހިރާއްޖެއިން ބައިވެރިވީ ރައީސް މައުމޫންގެ ޒަޢާމަތުގައެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ކޮމަންވެލްތުގައި ބައިވެރިވެރިވީ އެފަދަ ޖަމާއަތެއްގައި ބައިވެރިވެ، އެކި ކަންކަމުގައި ރާއްޖެއަށް ފައިދާ ހޯދުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް، މިހިސާބަށް އައިއިރު ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް މާބޮޑު ފައިދާއެއް ކޮށްފައި ނެތް ކަމަށެވެ.
އެހެންކަމުން، ރައީސް މައުމޫން އެރޭ ވަނީ ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ގޮވާލައްވާފައެވެ.
"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން" - ރައީސް މައުމޫން ވިދާޅުވި އެވެ.
އިތުރަށް ރައީސް މައުމޫން ވިދާޅުވީ ކޮމަންވެލްތުން މިހާރު ދަނީ ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެމުން ކަމަށެވެ.
މިއަދު ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ ޕީޕީއެމްގެ ސަރުކާރަކުންނެވެ. މީގެ 3 އަހަރު ކުރިން އެ ޕާޓީގެ ރައީސް މައުމޫން، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލައްވާފައި ވަނިކޮށް، ސަރުކާރުން މިއަދު ވަނީ ކޮމަންވެލްތުން ވަކިވުމަށް ނިންމާފައެވެ.
ނަމަވެސް، މިއަދު ރައީސް މައުމޫން ވިދާޅުވީ އެހެން ވާހަކަފުޅެކެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލެއްވުމަށްފަހު، ވަކިވުމުން ރައީސް މައުމޫން ވަނީ މުޅިން އަނެއްކޮޅަށް ޖައްސަވާފައެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ، "(ބައިނަލްއަޤުވާމީ މުޖުތަމަޢުއިން) އެކަހެރި ވުމަކީ ރާއްޖޭގެ މައްސަލަތައް ހައްލުވާނެ ގޮތެއްނޫން" ކަމަށެވެ.
ސަރުކާރުގެ ނިންމެވުމަށް ރައީސް މައުމޫން މިއަދު ފާޑުވިދާޅުވިއިރު، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައީސް މައުމޫން ގޮވާލެއްވި ސަބަބު އަދިވެސް އޮތް ގޮތަށް އޮތީއެވެ. އިހުނަށްވުރެވެސް ގޯސްކޮށެވެ. ވަކިވާން ޖެހޭ ސަބަބެއް ކަމަށް މައުމޫން ވިދާޅުވީ ކޮމަންވެލްތުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭތީ ކަމަށެވެ. ސަރުކާރުގެ ފަރާތްތަކުން ހާމަކުރާ ގޮތުގައި ކޮމަންވެލްތުން ދަނީ އިހުނަށްވުރެވެސް ބޮޑަށް ރާއްޖޭގެ ކަންކަމަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް އެއް ކަމެއް ވަނީ ބަދަލުވެފައެވެ. ބަދަލުވެފައިވާ ކަމަކީ، ޕީޕީއެމްގެ ސަރުކާރެއް ނަމަވެސް، މި ފަހަކަށް އައިސް ވެރިކަން ކުރައްވާ ފަރާތަކީ ރައީސް މައުމޫންގެ ބަދަލުގައި ރައީސް ޔާމީން ކަމަށް ބަދަލުވެފައިވުމެވެ. ރައީސް މައުމޫންގެ ބާރާއި ނުފޫޒު ކުޑަވެފައި ވުމެވެ. ރައީސް މައުމޫންގެ ބާރާއި ނުފޫޒު އޮންނަ ދުވަސްވަރެއްގައި ކޮމަންވެލްތުން ވަކިވުމަކީ ރަނގަޅު ކަމަކަށް ވެފައި، ރައީސް މައުމޫންގެ ބަސް ވިކުން ކުޑަވެފައިވާ ދަނޑިވަޅެއްގައި ނަމަ ކޮމަންވެލްތުން ވަކިވުމަކީ ގޯސްކަމަކަށް ވާނަމަ، ކޮމަންވެލްތުން ވަކިވުމާމެދު ރައީސް މައުމޫން ދައްކަވާފައިވާ ވާހަކަފުޅުގެ އިޚުލާސްތެރިކަމާ ދޭތެރޭގައި ސުވާލުއުފެދެއެވެ.
ރައީސް މައުމޫންގެ އިޚުލާސްތެރިކަމާ ދޭތެރޭގައި އިތުރަށް ސުވާލު އުފެދޭ ކަމަކީ، ކޮމަންވެލްތުން ވަކިވާން ގޮވާލެއްވުމަށްފަހު، އެ ގޮވާލެއްވުމަށް އަމަލުކުރަން ސަރުކާރުން ނިންމެވުމުން ރައީސް މައުމޫން އެކަމާ ނުރުހުން ފާޅުކުރައްވައި، އަލުން ކޮމަންވެލްތާ ގުޅޭނެކަމުގެ ޔަޤީންކަން، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްއަށް މިރޭ އަރުވާފައިވާތީއެވެ.
ރައީސް މައުމޫންގެ ދައުރުގައި އިންތިހާބުތައް ބަރިބަރިޔަށް ކާމިޔާބުކުރެއްވީ ކުޑަކާފައި ބޮޑުކާފު ޖަހައިގެން ކަމަށް އިދިކޮޅުފަރާތްތަކުން ބުނާއިރު، ދިގު 30 އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރެއްވުމަށްފަހުވެސް، އެމަނިކުފާނު ނޫން އެހެން އެއްވެސް ބޭފުޅަކު މިރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ ރައީސް މައުމޫން އެއްގޮތަކަށްވެސް ބޭނުންފުޅުވާ ގޮތެއް ހެނެއް ހިޔެއް ނުވެއެވެ.
ކޮންމެއަކަސް، އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްވި ޤައުމުތަކުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ރައީސް މައުމޫން ގޮވާލެއްވިއެވެ. ސަބަބަކީ، އެ ޖަމާއަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ހުރުމަތްތެރިކޮށް ނުހިތުމާއި، "ބައެއް (އިދިކޮޅު) ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވާތީ" އެވެ.
ކޮމަންވެލްތުން އަދިވެސް ކުރިޔަށް ދަނީ، އެ ޖަމާއަތުން ދިވެހިރާއްޖެ ވަކިވުމަށް ރައީސް މައުމޫން ގޮވާލެއްވިއިރުވެސް އެޖަމާއަތުން ކަންކަން ކުރިޔަށް ގެންދިޔަ މޭރުމުންނެވެ.  އެ ޖަމާއަތުގެ އެޖެންޑާއަކަށް ބަދަލެއް ނާދެއެވެ. ބަދަލުވެފައިވަނީ ރައީސް މައުމޫންގެ އެޖެންޑާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ