ގައުމުގެ އަމާންކަން ދެމި އޮތުމަށާއި ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތައް ޔަގީން ކުރުމަށް ޓަކައި ޕީޕީއެމް އަށާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ކުރިއަށް އޮތް އިންތިހާބުތަކުން މަދުވެގެން 80 ޕަސެންޓް ބޭނުންވާ ކަމަށް ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް "މަގޭ ހިއްސާ–ތަރައްގީ ޔަގީން"ގެ ނަމުގައި ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ރައްޔިތުން ތިބި ދަތި ހާލާއި ވޭނުން ސަލާމަތްވުމަށް ރައްޔިތުންގެ ތަރައްގީ ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ތަރައްގީ ޔަގީން ކުރެވޭނީ އިޖްތިމާއި އޮނިގަނޑެއް އެކުލަވާލައިގެން ކަމަށާއި އެކަމަށް ސަރުކާރު ހިންގާ ކޯލިޝަނަށް ފުރިހަމަ ތާއީދު ދެއްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިޖްތިމާއީ ހިދުމަތްތައް ދެވޭނީ އިގްތިސާދު ހަރުދަނާކޮށް ބިނާކޮށްގެން ކަމަށް ވާތީ. އެކަން ކުރެވޭނީ މިހާރު އޮތް އިޖްތިމާއީ އޮނިގަނޑު، ސިޔާސީ ގޮތުން ރާވާލަން ޖެހޭ އޮނިގަނޑު ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދައިގެން. އާދެ އެކަންކުރެވޭނީ ސަރުކާރު ހިންގަން އޮތް ކޯލިޝަނަށް ތަނަވަސް އަގުލަބިއްޔަތު ދީގެން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ބަލިހާލުގައި ތިބި އަދި އުމުރުން ދުވަސްވީ ބޭފުޅުންނަށާއި އެނޫން ވެސް މުޖުތަމައުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ވެސް ތަރައްގީ ހާސިލުކުރެވޭނީ ސަރުކާރު ހިންގާ ފަރާތަށް ފުރިހަމަ ބާރު ލިބިގެން ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ކޮށްދިން ފަދައިން ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް ޕީޕީއެމާއި ގުޅިފައިއޮތް ކޯލިޝަނަށް ފުރިހަމަ އަގްލަބިއްޔަތު ހޯއްދަވައިދެއްވުމަށް މިރޭގެ ޖަލްސާގައި ގާސިމް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ޕީޕީއެމް ކޯލިޝަނަށް ވޯޓު ދެއްވުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ