ޕީޕީއެމްގެ ކެމްޕެއިނަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރު: ގާސިމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވެވުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ރައީސް ކަމަށް ފުރިހަމަ އަގުލަބިއްޔަތަކުން ހޮވައި ދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެކެމްޕެއިންގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދެން ޕީޕީއެމްގެ ލީޑާޝިޕާ ވާހަކަ ދައްކާނަން، އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި މިހާރުން ފެށިގެން ވެސް އަޅުގަނޑު ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރުމަށް ވެސް އަޅުގަނޑު މިހިރީ ތައްޔާރަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޕީޕީއެމަށް ތާއީދުކުރަން ނިންމުމުގެ ކުރިން އެމްޑީޕީ ވެސް އެ ޕާޓީ އަށް "ޕްރޮޕޯސަލް" ހުށަހެޅުއްވި ކަމަށެވެ. އަދި ޕީޕީއެމާއި އެމްޑީޕީން ހުށަހެޅި ޕްރޮޕޯސަލްއަކީ ވެސް ވަރަށް ވައްތަރު ދެ ޕްރޮޕޯސަލް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ޕްރޮޕޯސަލްތަކުގެ ތަފްސީލާ ގުޅޭ ގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ "އޭގެ ތަފްސީލަށް ނުދިއުން ރަނގަޅު" ކަމަށެވެ.
"އެދެން ތަފްސީލަށް ނުދިއްޔައްޔާދޯ ރަނގަޅުވާނީ، އެއަށް ކޮންމެ ހެން ބަލައިގެނެއް ނޫން މައިގަނޑު ގޮތެއްގައި މިގޮތް ނިންމީކީ. އަޅުގަނޑުމެންގެ ޕާޓީ އަށް ވެސް ކޯލިޝަނެއް ވިއްޔާ ކޮންމެވެސް ކަންތައްތަކެއް ހުންނަން ޖެހޭ ދެއްތޯ، ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ ވެސް،" ގާސމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ނިންމީ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅުވެރިވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި މިއީ ޝަރުއީ ނިޒާމާއި ސިފައިންނާއި ފުލުހުންގެ މަސްލަހަތަށް ބަލާފައި ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"މިކަން ނިންމުމުގައި ވަރަށް ތަފުސީލްކޮށް އަޅުގަނޑުމެން ވާހަކަ ދެއްކިން، މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައި އެހެން ބައްދަލުވުމުތަކާ ހިލާފަށް ވަރަށް ގިނަ މެމްބަރުންތަކެއް ބައިވެރިވި." ގާސިމް ވިދާޅުވި އެވެ.
އެއްވެސް ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް މީގެ ކުރިން ގާސިމް ވިދާޅުވެފައިވާ އިރު އެކަމާ ގުޅިގެން މިއަދު އެމަނިކުފާން ވިދާޅުވީ އެހެން ވިދާޅުވީ އާންމު ހާލަތުގައި އެކަން ނުކުރާނެ ކަމަށާއި ނަމަވެސް މިއަދު އޮތީ އާންމު ހާލަތެއްގައި ނޫން ކަމަށެވެ.
މިއަދު ހަވީރު 4:15 ފަހުން ފެށި ޕާޓީގެ ކައުންސިލް ބައްދަލުވުން ހަތަރު ގަޑިއިރަށް ދިގު ދެމިގެންދިޔަ އެވެ. މިރޭ 8:35ގައި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވުމަށް ފަހު މ. ކުނޫޒުން ނުކުމެވަޑައިގެންނެވުމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގާސިމަށް "ބާޣީ"އަށް ގޮވާފަ އެވެ.
ޖޭޕީ ކައުންސިލްގައި މިރޭ ބައިވެރިވި 20 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ ޔާމީނަށް ތާއިދު ކުރުމަށެވެ. ފަސް މެމްބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވި އެވެ. އެ ފަސް މެންބަރުންނަކީ ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ސެކަރެޓަރީ ޖެނަރަލް ހަސަން ޝާހު އާއި މޫސާ ރަމީޒު އަދި ޑރ. ހުސައިން ރަޝީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ