ގާނޫނުއަސާސީއާ ހިލާފު ބިލުތަކަށް ވޯޓު ނުދެއްވާ މެމްބަރުން ކުރައްވަނީ ގައުމީ މަސައްކަތެއް: މައުމޫން

މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަމުން އަންނަ ބިލުތަކާއި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފު ބިލުތަކެއް ކަމަށާއި އެއާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުންނަށް ތައުރީފް ކުރައްވައިފި އެވެ.
ރައީސް މައުމޫން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަހަކަށް އައިސް މަޖިލީހުން ފާސްކުރި ބައެއް ބިލުތަކާއި އިސްލާހުތަކުގެ ތެރެއިން ހިޔާލުފާޅުކުރުން ހަނިކުރާ ގާނޫނަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވި، ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިކުރި ގާނޫނެއް ކަމަށެވެ.
މީގެ އިތުރުން އެއްވެ އުޅުމުގެ ބިލަށް ހުށަހެޅި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައި އޮތް އެއްވެ އުޅުމުގެ މިނިވަންކަން ހަނިވެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ތެރެއިން ހޯދައިދޭން މަސައްކަތް ކުރި އަސާސީ ހައްގުތައް ހަނިކުރެވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް 2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގުކުރެއްވިއިރު، ވެރިކަމުގައި ހުންނެވި ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު އިއުލާން ކުރި އިސްލާހީ އެޖެންޑާގެ ދަށުން، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ރައްޔިތުންގެ ތާއީދާއެކު މަސައްކަތް ކުރީމެވެ. ނަމަވެސް މިހާރު މި ފެންނަނީ އަޅުގަނޑު ގެންނަން މަސައްކަތް ކުރި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެންދާ ތަނެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރި ބައެއް ބިލުތަކާއި އިސްލާހުތަކަކީ ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާ ވެސް ހިލާފު ކަންކަމެވެ. ޕީޕީއެމުން މަސައްކަތް ކުރަންވާނީ ގާނޫނުއަސާސީން ކަށަވަރުކޮށްދިން ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތައް ގައުމުގައި އަށަގެންނެވުމަށެވެ. އަދި އަސާސީ ހައްގުތައް ރައްޔިތުންނަށް ހޯދައިދީ ގާނޫނުތަކަށް ބޯލަނބާ ރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުމަށެވެ.
މި އިސްލާހުތަކާއި ބިލުތަކަށް ވޯޓު ނުދެއްވި މެމްބަރުން އެ ކުރައްވާ ގައުމީ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށާއި އެ މެމްބަރުންނަކީ ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ މެމްބަރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ މި ދެންނެވި މެމްބަރުންނަކީ ނަމޫނާއަކަށް ބައްލަވައިގެން ޕީޕީއެމްގެ އެހެން މަޖިލިސް މެމްބަރުން ވެސް ހިތްވަރާއެކު ގައުމާއި ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެވުމެވެ،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާ ބިލްތަކަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ޕީޖީ ގްރޫޕުން އުސޫލެއް ކަނޑައަޅާފައި ވަނިކޮށް، ފަހަކަށް އައިސް ނެގި ވޯޓުތަކުގައި ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑިއަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ފަހަކަށް އައިސް މަޖިލީހަށް ހުށަހެޅުނު ބައެއް ބިލުތަކާއި އިސްލާހުތަކުގެ ސަބަބުންނެވެ. އެގޮތުން ބިޑަކާ ނިލާ ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުމާއި ހިޔާލުފާޅުކުރުން ހަނިކުރި ގާނޫނާއި، މުޒާހަރާ ކުރުން ހަނިކުރާ އިސްލާހާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާ މެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ