ކްރިމިނަލް ކޯޓުގެ ގާޒީ ނަޝީދާއި ސަމީރު ފެމިލީ ކޯޓަށް ބަދަލުކޮށްފި
ކްރިމިނަލްކޯޓުގެ ދެ ގާޒީން ކަމުގައިވާ އަބްދުﷲ ނަޝީދާއި އަހުމަދު ސަމީރު އަބްދުލް އަޒީޒް ފެމިލީ ކޯޓަށް ބަދަލުކޮށްފި އެވެ. އެ ދެ ގާޒީން ފެމިލީ ކޯޓަށް ބަދަލުކޮށްފައި ވަނީ އެކަމަށް އެދިވަޑައިގަތުމުން "ފަނޑިޔާރުން އަމިއްލަޔަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ކަމަށް ޖުޑީޝަލް ސަވިސް ކޮމިޝަން އިން ބުނެ އެވެ. ދެ ގާޒީން ވެސް ފެމިލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 24 މާރޗް 2016 އިން ފެށިގެންނެވެ. އޭގެ ކުރިން ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ މުހައްމަދު ވެސް ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ. އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމާފައި ވަނީ، ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ. ކްރިމިނަލް ކޯޓުގެ ތިން ގާޒީ އަކު ފެމިލީ ކޯޓަށް ބަދަލުކޮށްފައިވާ އިރު، ދެން ކްރިމިނަލް ކޯޓުގައި ތިއްބަވާނީ ފަސް ގާޒީންނެވެ. އެއީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހުމަދު ރަޝީދާއި ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ ސައީދު އިބްރާހިމްގެ އިތުރުން ގާޒީ އިބްރާހިމް އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ