މިދިޔަ އެޕްރީލް މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ރައްޔިތުން ކުރަން ފަށައިފިއެވެ.
ރައްޔިތުން ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ކުރަން ފަށާފައި މިވަނީ މާޗް 1 ވަނަ ދުވަހުން ފެށިގެން މާލެ އާއި އަތޮޅު ތެރޭ ކަރަންޓް ޔުނިޓަކަށް ނަގާ އަގު ސަރުކާރުން ހަމަހަމަ ކުރުމާއި ގުޅިގެން މާޗު މަހު ބިލް ކުޑަވެފައި ވަނިކޮށް އެޕްރީލް މަހުގެ ބިލް ބޮޑު ވުމާއި ގުޅިގެންނެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާ ބިލް ތަކުގައި މާޗް މަހަށް ވުރެ 500 އާއި 1000 ރުފިޔާ އާއި ދެމެދު ބޮޑުވެފައިވެއެވެ.
ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ރައްޔިތުން ޝަކުވާ ކުރަން ފެށުމުން ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މެނޭޖަރު އަހްމަދު ނަޖާހު ވިދާޅުވީ، އެއްވެސް އިރަކު ބިލް ތައްޔާރުކުރުމުގައި ރައްޔިތުންނަށް އޮޅުވާލައިފާ ނުވާނެކަމަށާ އަރައިގެން އުޅެނީ އޮޅުންތަކެއް ކަމަށެވެ.
އެގޮތުން ފެނަކައިން ބުނެފައިވަނީ، މި ދުވަސްވަރަކީ އަބަދުވެސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ އިތުރުވާ ދުވަސްވަރެއް ކަމަށެވެ. އަދި އެހެން އެކަން ދިމާވަނީ މާގިނައިން ކަރަންޓު ބޭނުންކުރެވޭތީ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި، ބިލްތައް ބޮޑުވެގެން ޚާއްޞަކޮށް އެންމެ ބޮޑަށް ފާހަގަކުރެވޭނީ އޭސީ ކޮށްފައި ހުންނަ ގޭބިސީތަކުގައި ކަމަށެވެ. އަދި ކަރަންޓު ބިލް ބޮޑުވެފައި ވަނީ ޓެރިފަށް ގެނައި ބަދަލަކުން ނޫންކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހިތަދޫ މީހަކު ބުނީ މާޗް މަހު ރީޑިން 30 ދުވަހަށް ނެގުމަށް ފަހު އެޕްރިލް މަހުގެ ރީޑިން 25 ވަނަ ދުވަހު ނެގުމަށްފަހު ފޮނުވި ކަރަންޓް ބިލު ވެސް މާޗް މަހުގެ ބިލަށް ވުރެ 600 ރުފިޔާ އިތުރުކަމަށެވެ. އަދި ގޭގައި ކަރަންޓް ބޭނުން ކުރަމުން އައީ އެއްވަރަކަށް ކަމަށާއި، އެވަރުގެ ތަފާތެއް އަންނަ ވަރަށް ކަރަންޓް ބޭނުން ނުކުރާކަން ޔަގީން ކަމަށެވެ.
ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް ރައްޔިތުން ބުނީ ކަރަންޓް ބިލް ކުޑަކުރިކަމަށް ބުނެ ރައްޔިތުން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަން މިހާރު ނޭގޭ ރައްޔިތަކު ރާއްޖޭގައި ނެތްކަމަށެވެ. އަދި ހަދާއެއްޗެއް ރައްޔިތުން ވިސްނުންތެރިކަމާއި އެކު ބަލަމުންދާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން މިދުވަސްވަރު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުކަމަށް ބުނެފައިވާ އިރު ފާއިތުވި އެޕްރިލް މަހަކީ މޫސުމް ގޯސް ވިއްސާރަ މަހެއްކަން ގިނަ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
އާދަޔާ ހިލާފަށް ކަރަންޓް ބިލް ބޮޑުވެ، ރައްޔިތުން ޝަކުވާ ކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ