ސްކޫލް ކްރިކެޓް ލީގު 2013: ކަލާފާނު ބަލިކޮށް އިސްކަންދަރު، ގްރޫޕްގެ އެއްވަނައަށް

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ހަތަރުވަނަ މެޗުން ކަލާފާން ސްކޫލް އަތުން ހަތް ވިކެޓުން މޮޅުވެ އިސްކަންދަރު ސްކޫލް ގްރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
މިއަދު މެންދުރުފަހު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އިސްކަންދަރު ގަސްދުކުރީ ހޮވާށެވެ. އެގޮތުން ކަލާފާނު ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 104 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، އިސްކަންދަރުން ވަނީ 15 އޯވަރުގެ ތެރޭގައި ތިންކުޅުންތެރިން ނުބައިވެގެން 107 ލަނޑު ހަދާފަ އެވެ.
އެމެޗުގައި ކަލާފާނުން އެންމެ ރަނގަޅަށް ކުޅުނީ، 36 ލަނޑުހެދި އައިހަމް ޒިޔާދު އެވެ. އަދި އިސްކަންދަރުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 22 ލަނޑުހެދި ތުސާރުއާއި ނުބައިނުވެ 34 ލަނޑުހެދި އަޒިޔާން ޔޫސުފުއެވެ.
މެޗުގައި އެންމެ ރަނގަޅަށް އުކާފައިވަނީ 22 ލަނޑަށް ދެވިކެޓްނެގި ކަލާފާން ސްކޫލްގެ ސަމާހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްކަންދަރު ސްކޫލްގެ އަޒިޔާން ޔޫސުފް އެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށް ގެންދާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ދަރުމަވަންތަ ސްކޫލާއި ތާޖުއްދީން ސްކޫލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ