ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މުސާރަ ހިފެހެއްޓީ އަނިޔާ ދޭން - އިދިކޮޅު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ހިފެހެއްޓީ އަނިޔާ ދޭން ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.
އިދިކޮޅު ފަރާތް ތަކުން ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ވަކި މީހަކަށް އަމާޒުކޮށް މުސާރަ ހިފެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަކީ އަދިވެސް ސްޕްރީމު ކޯޓުގެ ފަޑިޔާރުން. އެބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަދި ވަކި ކޮށްފައެއް ނުވޭ, މިއީ ހަމަ ކަޑައެޅިގެން އަނިޔާ ދިނުމަށް އެބޭފުޅުގެ މުސާރަ ހިފެހެއްޓީ" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ސްޕްރީމު ކޯޓުގެ ފަޑިޔާރުން އެކެއް ފެބްރުއަަރީގައި ކުރި އަމުރަކީ އެތަށް ހާސް ރައްޔިތުންގެ ހައްގުތަކާއި ގުޅުން އޮތް އަމުރެއް ކަމަށާއި އެ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
އެކެއް ފެބްރުއަރީގެ އަމުރާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފައެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ ފަނޑިޔާރުންގެ ގާނޫނަށް ދާދިި ފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވާތީ އެވެ.
އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ