އަތޮޅުތެރޭގެ ކަރަންޓާއި ފެން މާލެ އާއި އެއް އަގަކަށް ކުޑަކޮށް، ރައީސް ޔާމީން އަނެއްކާވެސް ދިވެހި ރައްޔިތުން ހެއްވާލައިފި

އަތޮޅުތެރޭގައި ސަރުކާރުން ދެމުން އަންނަ ކަރަންޓާއި ފެނުގެ ޚިދުމަތް އަގު ހެޔޮކޮށް މަލޭ އާއި އެއް އަގެއްގައި އަތޮޅުތަކަށް އެ ކިދުމަތްތައްދޭން މިއަދު ސަރުކާރުން ނިންމަވައިފިއެވެ.
ޕީއެސްއެމްގެ ޓީވީއެމް ސްޓޫޑިއޯ އެކެއްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްައި ވާހަކަ ދައްކަވަމުން އެނަވަޔަރަމަންޓް މިނިސްޓާރ ޠާރިޤް އިބްރާހިމް ވިދާޅުވީ، ބުރަ މަސައްކަތްތަކަކަށް ފަހު މާލެ އާއި އަތޮޅުތެރޭގައި ކަރަންޓާއި ފެނުގެ އަގު އެއްހަމަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.
އެގޮތުން ގެނެވުނު ބަދަލު ތަކަކީ، މިހާރު ސުން ޔުނިޓާ 400 ޔުނިޓާ ދެމެދަށް ނަގަމުން އަންނަ 2.20 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 1.50 ރުފިޔާ އެވެ. އަދި 101 ޔުނިޓާ 300 ޔުނިޓާ ދޭތެރޭގެ އަގު، 2.75 ރުފިޔާއިން 1.70 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ. މިއީ ޔުނިޓަކުން 47 ލާރިގެ ކުޑަކުރުމެކެވެ އަދި 201 ޔުުނިޓުން 300 ޔުނިޓާ ދޭތެރޭގެ އަގު 3.40 ރުފިޔާއިން 2.15 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ. އެއީ 1.25 ރުފިޔާގެ އަގު ހެޔޮ ކުރުމެކެވެ.
މީގެ އިތުރުން 301 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަގު 3.50 ރުފިޔާއިން 2.50 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.
ކަރަންޓުގެ އަގަށް މިއަދު ގެނައި ބަދަލުތަކާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ކަރަންޓް އަގު ހެޔޮ ކުރުމަށޤ ސަރުޚާރުން ކުރާ މަސައްކަތުގެ ދެވަނަ މަރުހަލާ ކަމަށެވެ. ފުރަތަމަ މަރުހަލާއަކީ 2016 ފެބްރުއަރީ މަހު، މާލެ ފިޔަވާ ހުރިހާ އަތޮޅެއްގެ ކަރަންޓު ޓެރިފް އެއްވަރުކުރުން ކަމަށާއި މިހާރު މާލެ އޭރިއާގެ 400 ޔުނިޓުން ދަށް ޓެރިފް ރޭޓަކީ އަތޮޅުތެރޭގައިވެސް ލިބޭ ޓެރިފް ރޭޓަށް ވެގެން ދިއުން ކަމަށެވެ.
ކަރަންޓުގެ އިތުރުން ފެނުގެ އަގަށްވެސް ވަނީ ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން، ކުރިން އަތޮޅުތެރޭގައި ސުން ލީޓަރުން 100 ލީޓަރާ ހަމައަށް ނަގާ 66 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 22 ރުފިޔާ ކަމަށާއި، 101 ލީޓަރުން 200 ލީޓަރާ ހަމައަށް ކުރިން ނަގާ 75 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 70 ރުފިޔާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި 200 ލީޓަރުން މައްޗަށް ކުރިން ނަގާ 100 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 95 ރުފިޔާ ކަމަށްވެސް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
ފެނުގެ ޚިދުމަތުގެ އަގަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަ އިރު ކަރަންޓްގެ ޚިދުމަތުގެ އަގަށް ބަދަލު އަންނާނީ މާރޗް މަހުން ފެށިގެން ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ އަގު އެއް ހަމައަކުން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ. ކަރަންޓާއި ފެނުގެ އަގު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ރައްޔިތުންނަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާ މަސައްކަތްޕުޅުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ