ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގަ އެވެ.
މި ބަޔާނުގައި ބުނެފައި ވަނީ 25 އޯގަސްޓް 2017 ވަނަ ދުވަހު، އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށާއި އެމަނިކުފާނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމަށް މާލޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް އާއި އޭ.ޑީ.ކޭ. ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ ސްޕްޝަލިސްޓް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، 6 ސެޕްޓެމްބަރު 2017 ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެމަނިކުފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވި ކަމަށެވެ.
ނަމަވެސް ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، އަދި ކްރިމިނަލް ކޯޓުން ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާ ގޮތާވެސް ޚިލާފަށް، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަކުރާރުކޮށް ޢަމަލުކުރަމުން ގެންދާ މައްސަލައަށް މިއަދާއި ހަމައަށްވެސް ވަނީ ޙައްލެއް ލިބިފައި ނުވާކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވަކީލުންގެ ބަޔާނުގައި ވަނީ އެމަނިކުފާނު ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް އެސަރވިސްގެ ފަރާތުން އެންމެފަހުން އައު ކޮށްދީފައި ވަނީ 2 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން، މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިޔުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެޤަޢުމުގެ ސަރުކާރުން ދިން ސްޕެޝަލް ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށެވެ.
މި ބަޔާނުގައި ވަނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތައްތައް ޒަމާނުއްސުރެ ކުރިއަށް ގެންދަވަމުން އައިސްފައިވަނީ ޖަރުމަނުވިލާތުން ކަމަށެވެ. އަދި ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުވިލާތުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަވަމުން ދަނީ ޖަރުމަނުވިލާތުގައި ކަމަށެވެ.
މި ބަޔާނުގައި ބުނެފައި ވަނީ، އޮނަރަބަލް ޤާސިމް އިބްރާހީމް ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވީ އެޤަޢުމުގެ ސަރުކާރުން ބޭސްފަރުވާކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އެމަނިކުފާނަށް ދެއްވި ޚާއްސަ ހުއްދައެއްގެ ދަށުންކަން ދިވެހިރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ނެރުނު ނޫސްބަޔާން ނިންމާލަމުން ބުނެފައި ވަނީ، ކަސިޔާރުވެފައިވާ ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތައް އިންސާނިއްޔަތުކަމުގެ ހަމަތަކާއި ތަހުޒީބީ މުޖުތަމަޢު ޤަބޫލުކުރާ އުޞޫލުތަކުގެ މައްޗަށް އަވަސް ފުރުސަތެއްގައި ރުޖޫޢަވެދިއުމަށް އެދޭ ކަމަށެވެ.
ހާއްސަ ހުއްދައަކާ އެކު ގާސިމް ޖަރުމަނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ