ސައުދީ އަންހެނުން އަބާޔާ ލައިގެން ބޭރަށް ނުކުމެއުޅުން މުހިންމެއްނޫން: އައްޝައިޚް އަބްދުﷲ އަލް މުތުލަގު

ސައުދީ އަރަބިއްޔާގެ އަންހެނުން އާންމުންގެ ތެރެއަށް ނުކުންނަ އިރު، ހަށިގަނޑުގެ ވަނާތައް ނޭނގޭގޮތަށް، ގަޔަށް ދޫކޮށް ހުންނަ އަބާޔާ ހެދުން ލައިގެން ނުކުތުމަކީ މުހިންމު ކަމެއް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ މަޝްހޫރު އިސް ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަބްދުﷲ އަލް މުތުލަގު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ އެންމެ އިސް ދަންނަ ބޭކަލުން ހިމެނިވަޑައިގަންނަވާ އެންމެ އިސް މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ އައްޝައިޚް އަބްދުﷲ އަލް މުތުލަގު ވިދާޅުވީ، އިސްލާމީ އުންމަތުގެ މުސްލިމް މާތް އަންހެނުންގެ %90 އަންހެނުން އަބާޔާ ނުލާ ކަމަށެވެ.
"އެހެންވީމާ، އެއްވެސް މީހަކަށް އަބާޔާ ލާން އަޅުގަނޑުމެން މަޖުބޫރު ކޮށްގެން ނުވާނެ" ސައުދީ އަރަބިއްޔާގެ ޓީވީއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އަބްދުﷲ އަލް މުތުލަގު ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ އަންހެނުން އާންމުންގެ ތެރެއަށް ނުކުންނައިރު އަބާޔާ ލައިގެން ނޫންގޮތަކަށް ނުކުތުމަކީ ގާނޫނަކުން މަނާކޮށްފައި އޮންނަ ކަމެކެވެ. ގާނޫނީގޮތުން ކުރަން ލާޒިމް ކޮށްފައި އޮންނަ ކަމެކެވެ.
ސައުދީ އަންހެނުން އާންމުންގެ ތެރެއަށް ނުކުންނައިރު އަބާޔާ ލައިގެން ނުކުތުމަށް އޮންނަ ގާނޫނަށް ބަދަލެއް ގެންނަން އުޅޭ ވާހަކައެއް ސައުދީ ސަރުކާރުން ނުބުނެއެވެ.
އެހެންނަމަވެސް، އައްޝައިޚް އަބްދުﷲ އަލް މުތުލަގުގެ ވާހަކަފުޅަކީ، ސައުދީ އަރަބިއްޔާގެ އިސް ބޭފުޅެއްގެ ފަރާތުން މިކަމާ ގުޅިގެން އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްފައި ވެއެވެ.
އައްޝައިޚް އަބްދުﷲ އަލް މުތުލަގުގެ ވާހަކަފުޅާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައްބަޔަކު ޝުއޫރު ފާޅުކުރަމުން އެބަގެންދެއެވެ. ބައެއް މީހުން ޝައިޚްގެ ވާހަކަފުޅަށް ނުރުހުން ފާޅުކުރަމުން ގެންދާއިރު، ބައެއް އިލްމުވެރިން އެ ވާހަކަފުޅަށް ތާއީދު ކުރައްވައި ޝުއޫރު ފާޅުކުރައްވަމުން ގެންދަވައެވެ.
ސައުދީ ރަސްކަމުގެ ވަލީއަހުދުގެ މަގާމަށް މުހަންމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން، ސައުދީ އަރަބިއްޔާއަށް އިސްލާހީ ވަރަށް ބޮޑެތި ބަދަލުތައް ގެންނަވަމުން އެބަ ގެންދަވައެވެ. އެގޮތުން، ސައުދީ އަންހެނުންނަށް އަމާޒު ކުރައްވައިގެންވެސް ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވަމުން އެބަ ގެންދަވައެވެ.
އެފިޔަވަޅުތަކުގެ ދަށުން، ސައުދީ އަންހެނުންނަށް ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދީފައިވަނީ މިދިޔަމަހުއެވެ. މިއީ، ފުޓްބޯޅަ މެޗްތައް ބަލަން އަންހެނުން ސްޓޭޑިއަމްތަކަށް ވަނުމަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، އާއިލާ މީހަކާއި ނުލައި ސައުދީ އަންހެނުންނަށް ފުރަތަމަ ފަހަރަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމަށްވެސް ސައުދީ ރަސްގެފާނު މީގެ ހަތަރުމަސް ކުރިން ރިޔާސީ ގަރާރެއް ނެރުއްވާފައި ވެއެވެ. މި ގަރާރުގެ ދަށުން ސައުދީ އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ރަސްމީގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުން ފެށިގެންނެވެ.
ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ބައެއް ކަހަލަ ދޫތައް ދެމުން ގެންދިޔަ ނަމަވެސް، އަދިވެސް ބައެއް ކަހަލަ ކަންތައްތައް ހިފެހެއްޓިފައި ވެއެވެ. އޭގެ ތެރޭގައި އަންހެނުން ތައުލީމު ހާސިލްކުރުމާއި، އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި ބައްޕަ، ފިރިމީހާ ނުވަތަ އެއްބަނޑު ބޭބެގެ ހުއްދަ ހޯދަން އޮންނަ އޮތުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ