ވާދަވެރި ފަރާތްތަކުން ގައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ: އަހުމަދު ރަޝީދު

ވާދަވެރި ފަރާތްތަކުން ގައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި، ގާނޫނީ ސަރުކާރު ހިންގުމަށް ހުރަސް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރ އަހުމަދު ރަޝީދު ގޮވާލައްވައިފިއެވެ.އެމްޑީޕީގެ ލީޑަރ ޝިޕްގައި ކުރިން މަސައްކަތް ކުރެއްވި އަހުމަދު ރަޝީދު ވިދާޅުވީ މިއީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ގާނޫނީ ސަރުކާރެއް ކަމަށާއި، ސަރުކާރު ހިންގުމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ތަރައްގީ ހުއްޓުވަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޒަމާނުއްސުރެ ދިވެހިން އިހުތިރާމް ކުރާކަން ހާމަކުރައްވާ އަހުމަދު ރަޝީދު ވިދާޅުވީ ހަގީގަތާ ޚިލާފް ވާހަކަ ދައްކަމުން ދަނީ އެބޭފުޅުންނަށް ރައްޔިތުން ކުރާ އިހުތިރާމް ކުޑަކުރުމަށް ކަމަށެވެ.  އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ތިރީސް އަހަރާއި، ކުރީގެ ރައީސް ނަޝީދުގެ ތިން އަހަރުވެސް ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. އަދި އެބޭފުޅުންގެ ވެރިކަމުގައި ބަނދަރު ހެދުމާއި ނަރުދަމާގެ ޚިދުމަތް ބޭނުންވެގެން ރައްޔިތުން މަގުތަކަށް ނުކުމެ އަޑު އުފުލި ނަމަވެސް މިއަދު އެއްވެސް ރައްޔިތަކު އަސާސީ ޚިދުމަތް ބޭނުންވެގެން މަގުތަކަށް ނުކުމެ އަޑު އުފުލާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ މާލިއްޔާއިން ހަރަދުކޮށްގެން ހިންގާ ޕާޓީތަކުގެ ބައެއް އިސްވެރިން، އަމިއްލަ އަންބޮނޑި ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ މިލްކުވެރިކަން ނަގައިގެން ތިބެ، ރައްޔިތުން މަގުތަކަށް ނެރެ ގައުމު ހަލަބޮލިކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ