ރައީސް ޔާމީން ހުންނެވީ، ރައީސް ނަޝީދާއި މައުމޫނު ބަންދުކުރިތަން ތަރައްގީ ކުރުމަށްފަހު އެތަނުގައި: އިމްރާން

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައީސް ނަޝީދު ނުހައްގުން ބަންދު ކޮށްފައި ބެހެއްޓި ތަނުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނާ މެދު ޖަލުގައި ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، ލިބެން ޖެހޭ ބައެއް ހައްގުތަކުން ވެސް އެމަނިކުފާނު މަހުރޫމު ކޮށްފައިވާ ކަމަށް، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަ ދައްކާފައި ވަނިކޮށް، ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެތަނުގައި ބަހައްޓާފައި ވަނީ، ރައީސް މައުމޫނާއި ރައީސް ނަޝީދު އެތަނުގައި ބަންދުކޮށްފައި ބެހެއްޓި އިރަށްވުރެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށެވެ.
"މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މއ.ކާމިނީ ހުޅަނގުގޭ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ހުކުމް ތަންފީޒު ކުރަމުން އަންނަނީ، ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދު އާއި ރައީސް މައުމޫނު ނުހައްގުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި،" ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލު ވުމާއެކު އެ ހުކުމް ފަސްކުރަން ސުޕްރީމް ކޯޓުން ހުކުމް ކޮށް އިމްރާން ވަނީ މިނިވަން ކޮށްފައެވެ.
އިމްރާންގެ މައްޗަށް ހުކުމް ކުރީ، އޭނާ އިސްވެ ހުންނަވައިގެން މޭ 1، 2015ގައި ބޭއްވި މޭ ޑޭގެ މުޒާހަރާއާ ގުޅިގެންނެވެ.
ރައީސް ޔާމީނާ ބެހޭގޮތުން އަދުރޭ ދެއްކެވި ވާހަކަތައް ހޯމް މިނިސްޓްރީން ވެސް ވަނީ ދޮގު ކޮށްފައެވެ.
އެކަމާ ގުޅިގެން އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ގައިދީންނަށް ފޯރު ކޮށްދޭންޖެހޭ ހުރިހާ އިނާޔަތެއް ރައީސް ޔާމީނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ރައީސް ޔާމީނާމެދު އިހާނެތިކޮށް ކަންތައް ކުރަމުން އަންނަ ކަމަށް މީޑިއާގައި ފެތުރެމުންދާ ފަދަ އެއްވެސް ކަމަކާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި، އެމަނިކުފާނުގެ ވަކީލުންނާއި އާއިލާގެ ފަރާތުންވިޔަސް ޝަކުވާއެއް އުފުލާފައި ނުވާކަމަށްވެސް ހޯމް މިނިސްޓްރީން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ