މަސް ދޯނިފަހަރު ބިކަކޮށް، ދޯނިފަހަރުތަކަށް ބިދޭސީންއަރުވައި، މަސްވެރިން ކަންނެތްކުރުވީ އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މަސްދޯނި ފަހަރަށް ބިދޭސީން އެރުވީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި، ފެނަކަޔާއި ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާދީ، ކަނޑުމައްޗަށް ފަރިތަ މަސްވެރިން މަގުމައްޗަށް ނެރުނީ އެމްޑީޕީންނެވެ. އޭނާ ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، މަސްވެރި ސިނާއަތް ހަރުދަނާކޮށް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމަށް ސައުދީ ސަރުކާރުގެ އެހީގެ ގޮތުގައި 16 މިލިއަން ޑޮލަރު ހޯދައިދީފައިވާނެ ކަމަށެވެ.
ނަމަވެސް، 2023 ވަނަ އަހަރު ވެރިކަން ދޫކޮށްފައި ދިޔައިރު އެ ފައިސާއިން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށާއި، އެމްޑީޕީން ކުރިހާވެސް ކަމަކީ "އަނގަތަޅައި ފޮޓޯ ނެގުން" ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ފައިސާ ރަނގަޅަށް ބޭނުންކުރިނަމަ ފެލިވަރުގެ މަސް ފެކްޓްރީ ބޮޑުކުރެވި، މަސް ބަންދުކުރެވޭ ނިސްބަތް އިތުރުވެގެންދިޔައީހެވެ.
ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، "މަސްވެރިން މަސްވެރިކަން ކުރާ ކަނޑުން ބައެއް ނިމާފައި އޮއްވާ ސިޓީއަކުން ވިއްކާލީ. އެ ވެސް ހޯދަން ޖެހުނީ މި ސަރުކާރުން،" ކަމަށެވެ. އަދި އެމްޑީޕީން މަސްވެރިކަމަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، ގޭދޮށު މަސްފެކްޓްރީތައް ނޭޅުމުގެ އިތުރުން ތެޔޮ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަން ހަރުދަނާ ގޮތެއްގައި ކުރިއަރުވައި، އިގްތިސޯދުގެ މައި ލޭނާރުގެ ގޮތުގައި މި ސިނާއަތް ދެމެހެއްޓުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިހާރު ގާނޫނަށް ގެންނަ އިސްލާހަކީ މަސްވެރިން މަސައްކަތް ކުރާ ސަރަހައްދަށް ވަގަށް ވަނުން ހުއްޓުވުމަށް ގެނެވޭ މުހިންމު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދޯނި ފަހަރަށް ބިދޭސީން އަރުވައި މަސްވެރިން ކަންނެތް ކުރުވީ އެމްޑީޕީން: ޝުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ