ސަރުކާރުގެ މަސައްކަތު ސްޕީޑް ލަސްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ބޭފުޅުންކޮޅެއް ގުޅިވަޑައިގަތުމަށް، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުގެ މަސައްކަތު ސްޕީޑް އެއްގޮތަކަށްވެސް ލަސްނޫން ކަމަށެވެ.
ސަރުކާރުގެ މަސައްކަތު ސްޕީޑް ލަސްކަމަށްބުނެ، ވަކިބަޔަކު ފްރަސްޓްރޭޓް ވެގެންނޭ ކިޔާފަ ވާހަކަ ދައްކަމުންދާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި، އެކަން ހިނގަނީ ކިހިނެއްކަންވެސް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރަށް ކަންތައްތައް ނުކުރެވޭކަން ދައްކައިގެން ސަރުކާރާއި ރައީސުލްޖުމްހުރިއްޔާއާ މެދުގައި ނަފްރަތު އުފެއްދުން ނޫން އެހެން އެއްވެސްކަމެއް އެކަމުގައި ނެތްކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ބައްލަވާލައްވާ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކިހާ ދުވަހެއް ފަހުންތޯ ރަނގަޅު ޕްރޮކެޖްޓެއް ފެށިގެން މަސައްކަތް ހިނގައިގަތީ. ޔާމީން ސަރުކާރުގަވެސް ހަމަ އެހެންވީ. މި ދެސަރުކާރު ގެންނަންވެސް އަޅުގަނޑުމެންނަކީ ކޯލިޝަން ޕާޓްނަރުން. އަޅުގަނޑުމެން ތިބީ ހޭލާ ބަލަހައްޓައިގެން. ނިދާފައެއްނޫން ތިބީ، ގޭގަ އޮށޯވެގެންނެއްވެސް ނޫން ތިބީކީ. ވުމާއެކު، މާޒީވެދިޔަ ދުވަސްތަކުގެ ކަންތައްތައް ހިނގާފައިވާގޮތް ބަލާލީމާ، މިއަދު ކަންތައްތައް މިހިނގާ މިންވަރު ލަސްތޯ މިނާލާކަށް، އެއްވެސް އެއްޗެއް ބުނަން އެއްވެސް މީހަކަށް ޖާގަ އޮތްކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު ދަންނަވާނީ ވަރަށް ހަރުދަނާކަމާ އެކީގައި، ވަރަށް އިންސާފުވެރިކަމާ އެކީގައި ކަންތައްތައް ހަމަޔަކަށް އެޅިގެންދާތަނޭ އަޅުގަނޑުމެންނަށް ފެނުނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެއްދުވަހަކުން ހުރިހާ ކަމެއް ރަނގަޅެއް ނުވާނެ ކަމަށާއި، ކުއްލިއަކަށް ލަތްކެއް ޖަހާހެން ކޮށްލިއަކަސް ކަންކަން ނުވާނެ ކަމަށެވެ.
މިއަދުގެ ސަރުކާރުން ވަރަށް ކެތްތެރިކަމާ އެކީގައި ޕްރޮޖެޓްތައް ހައްދަވައިގެން ގިނަގުނަ މަސައްކަތްތައް އެބަ ކުރައްވާ ކަމަށާއި، އެކަމުގައި ގޮންޖެހުންތައްވެސް އަންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްގެ ވާހަކަފުޅުގައި، ބައެއް ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކަށާއި، ސަލާމަތީ ބާރުތަކަށް ފާޑުކިޔަމުންދާ މައްސަލައަށްވެސް އަލިއަޅުއްވާ ލެއްވިއެވެ.
ގާސިމް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ގައުމުގެ ސަލާމަތާއި އަމާންކަމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އެއްވެސް ބަޔަކު އެއްޗެހި ކިޔައިގެން ދެކޮޅުޖެހޭނެ އެއްވެސް ގޮތެއްނެތް ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކަށް ސޯޝަލް މީޑިއާގައި އެއްޗެހި ކިޔަމުންދާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ފުލުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، ސިޔާސީ ނުފޫޒުގައި ވެރިން މަސައްކަތްކުރަން ޖެހުމީ އާދައިގެ މީހާއަށް އެނގޭނެ ކަމެއްނޫން ކަމަށެވެ. ގާނޫނާ ޚިލާފް އަމުރުތަކަށް އެ މުއައްސަސާތަކުގެ ވެރިން ތަބާ ނުވުމަށް އޮންނަ ކަމަށާއި އެކަމަކު އެކަން ހިނގާގޮތް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.
ނުފޫޒުތަކެއް ހުރެގެން ކަންތައްތަކެއް ނުވެގެން ހިނގައިދާނެ ކަމަށާއި، ނަމަވެސް އެއީ މުޅި މުއައްސަސާ ބަދުނާމުކުރަންޖެހޭ ކަމެއްނޫން ކަމަށް ޖޭޕީގެ ލީޑަރ ވިދާޅުވިއެވެ. މުއައްސާތަކުގެ ވެރިންނަށް އެއްޗެހި ކިއުމުގެ ބަދަލުގައި އިސްލާހްކުރުމުގެ ކަންކަން ކުރެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
ސަރުކާރުގެ މަސައްކަތު ސްޕީޑް ލަސްކަމަށް ގަބޫލެއް ނުކުރަން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ