ކުރީ ސަރުކާރުތަކުން ދިން ނިކަމެތިކަމެއް މި ސަރުކާރަކުން ނުދޭ: ގާސިމް

ކުރީގެ ސަރުކާރުތަކުން ޖުމްހޫރީ ޕާޓީއަށް ނިކަމެތިކަން ދިނަސް މިސަރުކާރުގެ ފަރާތުން އެފަދަ ނިކަމެތިކަމެެއް ކުރިމަތި ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މީގެ ކުރިން ޕީޕީއެމްއާއި އެމްޑީޕީއާއެކުވެސް ޖުމްހޫރީ ޕާޓީން ކޯލިޝަންތައް ހެދިއެވެ. ނަމަވެސް އެ ދެ ޕާޓީންވެސް ވެރިކަމަށް އައިތާ މަދުދުވަސްކޮޅެއް ތެރޭ ޖުމްހޫރީ ޕާޓީއާ މައްސަލަތައް ޖެހި ވަނީ ކޯލިޝަންތައް ރޫޅިފައެވެ. ޖުމްހޫރީ ޕާޓީއަށް މެމްބަރުން ގުޅުމަށް ބޭއްވި ހާއްސަ ޖަލްސާގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީއަށްވެސް ވެރިކަން ހައްގުވާކަން ދޭހަވަފަދަ މޭރުމަކުން ވާހަަކަދައްކައިފައެވެ. "އަޅުގަނޑު ދަންނަވަން އުޅޭ ވާހަކައަކީ އޭރުއްސުރެ މިހާރުއްސުރެ ރައްޔިތުންނާ ހަމައަށް އައީ ފުރަތަމަ އެމްޑީޕީއަށް. ދެން ޕީޕީއެމްއަށް އެއީ ޑީއާރުޕީ އަނެއްކާވެސް އެމްޑީޕީއަށް. ބަލަ އެއްފަހަރު ކަނާތްފަރާތަށް އަނެއްފަހަރު ވާތް ފަރާތަށް. ބަލަ މެދުތެރޭގައި ހުރި އެއްޗެކަށް ނާދޭ އެއްވެސް އެއްޗެއް. މެދުތެރެއަށްވެސް ކޮންމެވެސް ބަޔަކު އަންނަންވެއްޖެ ނޫންތޯ،" ގާސިމް ވިދާޅުވިއެވެެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާވާހަކަ އިވުމުން ބައެއް މީހުން ކަންބޮޑުވާ ކަަމަށެވެ. ގާސިމް އިތުރަށް ވިދާޅުވީ އެ ޕާޓީން ނުކުންނާނެ ބޭފުޅަކު ކަނޑައަޅާނީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ކަމަށެެވެ. އަދި ޕާޓީގެ ލީޑަރުކަމުގައި ހުރެ އިހްލާސްތެރިކަމާއެކު އެކަން ކޮށްދިނުމަކީ އޭނާގެ ވާޖިބު ކަމަށެވެ. "އަޅުގަނޑުގެ ގެއަށް މާބޮޑު މަންފާއެއް ލިބޭތީކީ ނޫން. އަޅުގަނޑަށް ވަރަށް ބޮޑު ނިކަމެތިކަމާއި ގެއްލުން ކޮންމެ ފަހަރަކުވެސް ލިބެމުން އަންނަނީ. އަދި މިހާތަނަށް މި ސަރުކާރުގެ އެއް އަހަރުވެގެން ދިޔައިރު ނިކަމެތިކަމެއް އަޅުގަނޑުމެންނަށް ދީފައިނެތްކަން ވަރަށް ސާބިތުކަމާއެކު ދަންނަވަން. ދެން މާދަމާ ކަންވާނެގޮތެއް އަޅުގަނޑުމެންނަަކަށް ނޭނގޭ. އެއީ ފަރުދާގެ އަނެއް ފަރާތް،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަގުގައި އެހެން ޕާޓީތަކުން ޖުމްހޫރީ ޕާޓީއަށް ހެދިގޮތް ހައްދަވާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ސަމާސާ ރާގެއްގައި ހިނިފުޅުވަޑުވަމުން ގާސިމް ވިދާޅުވީ އޭގެ ސަަބަބަކަށް ދެ ބޭފުޅުންނަކީވެސް އަތޮޅު ތެރެއަށް ނިސްބަތްވުން ވެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ